ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު 71 މީހަކު މަރުވެއްޖެ އެވެ.

މިއީ މިހާތަނަށް އެޤައުމުގައި މި ބަލިޖެހިގެން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު، ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް މަރުވެފައިވާއިރު، އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1079 އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާއިން އިތުރު 1738 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު މިހާރު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 33062 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 8437 މީހެކެވެ.

ފަހުގެ މަޢުލޫމާތުތައް ހާމަކުރަމުން އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރ ވިދާޅުވެފައި ވަނީ އެޤައުމުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދެނީ 0.33 އިންސައްތަ މީހުންނަ ކަމަށާއި އައިސީޔޫގައި ފަރުވާދެމުން ދަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 2.34 އިންސައްތަ މީހުންނަށް ކަމަށެވެ.

މި ބައްޔަށް އެންމެ މަދުން ޓެސްޓް ކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށް ނޫސްތަކުން ބުނެއެވެ. ނަމަވެސް ބަލި ފެތުރެން ފެށުމާއި ގުޅިގެން އިންޑިއާގައި ދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެޤައުމުން ފުރަބަންދުކޮށްފައި ވާއިރު، ނުރައްކާތެރި ގިނަ ސަރަޙައްދުތައް ކަނޑައަޅައި، އެ ސަރަޙައްދުތަކުގައި އާންމުން އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު