ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 674 މީހަކު މަރުވެއްޖެއެވެ.

މިއަދު އިނގިރޭސިވިލާތުން ވަނީ 6032 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އިއްޔެ އިނގިރޭސިވިލާތުން ފައްސިވި މީހުންނަށް ވުރެ މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެގައުމުން ފައްސިވީ 4076 މީހުންނެވެ. މިއަދަކީ އިނގިރޭސިވިލާތުން ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 171,253 އަށް އަރާފައެވެ. އޭގެ ތެރެއިން 26,771 މީހަކު މިހާރު ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު ހާމައެއް ނުކުރެއެވެ.

އިނގިރޭސިވިލާތުން މިއަދު ފައްސިވި މީހުން އިތުރުވި ނަމަވެސް ބޮޑުވަޒީރު ބޮރިސް ޖޯންސަން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ މިހާރު އިނގިރޭސިވިލާތުގެ ހާލަތު އަންނަނީ ކޮންޓްރޯލް ވަމުން ކަމަށެވެ.

"މިހާރު ހޮސްޕިޓަލްތަކަށް ބާރު ކުޑަވެއްޖެ. މިއަދު ވެންޓިލޭޓަރު ނެތިގެން އެއްވެސް ބަލި މީހަކު ދޫކޮށެއް ނުލާނެ. އައިސީޔޫ ނެތިގެން އެއްވެސް ބަލި މީހަކު ދޫކޮށްލާކަށް ނުޖެހޭނެ. ހާލަތު ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި." ޖޯންސަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނާނެ ގޮތުގެ ޕްލޭނެއް އަންނަ ހަފްތާގައި އާއްމު ކުރައްވާނެ ކަމަށް ވެސް ޖޯންސަން މިއަދު ވިދާޅުވިއެވެ.

ނަމަވެސް ޖޯންސަން މީގެ ދެތިން ދުވަސް ކުރިން ވިދާޅުވީ ޔޫރަޕްގެ އެހެން ގައުމުތައް ހުޅުވާގޮތައް އިނގިރޭސިވިލާތް ހުޅުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު