އިޓަލީގައި ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެޤައުމުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑް އަދަދަކަށް މީހުން މި ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް އިޓަލީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 75945 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބުދަ ދުވަހު އެކަނިވެސް 4693 މީހަކު ރަނގަޅުވެފައިވާ ކަމަށް އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނެފައި ވެއެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި އެޤައުމުގައި މި ބަލިން އެންމެ ގިނަ ބަޔަކު ރަނގަޅުވި ފަހަރެވެ.

މިދިޔަ ދެމަހެއްހައި ދުވަސް ތެރޭ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވި ޤައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނުނުއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 205463 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. އެޤައުމަކީ މިހާތަނަށް ދުނިޔޭގައި މި ބަލި ފެތުރޭ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ޤައުމެވެ.

މިހާތަނަށް އިޓަލީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27697 މީހަކު މަރުވެފައި ވެއެވެ. މިދިޔަ 24 ގަޑިއިރަށް ބަލާއިރު، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 285 އެވެ. މިއީ މިދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައިވެސް އެޤައުމުން މި ބަލީގައި އެންމެ މަދު ބަޔަކު މަރުވި ފަހަރެވެ. އިޓަލީ އަކީ ކޮވިޑް-19 ޖެހިގެން ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އިޓަލީއަށް ކުޑަވަމުން އަންނަ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އެގޮތުން ސީރިއަސް ހާލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުވެސް ދަށްވާ ކަމަށް އެ އިދާރާތަކުން ބުނެފައި ވެއެވެ. މިހާރު އިޓަލީގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ހާލު ސީރިއަސްވެ އައިސީޔޫގައި ތިބީ 1694 މީހެކެވެ.

އިޓަލީ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 212 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވެއެވެ. ޤައުމުތަކުން މިހާތަނަށް 3.2 މިލިއަންއަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 233411 މީހަކު ވަނީ މަރުވެފައެވެ.