ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ ޖަޒީރާރަށެއް ކަމަށްވާ ހޮންޝޫގެ އިރުމަތީ އައްސޭރީގެ ސަރަޙައްދަކަށެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން، 5.6 ގެ ބާރުމިނުގައި މިއަދު 6:10 ހާއިރު އެވެ. މި ބިންހެލުން އައީ ހޮންޝޫގެ ބިމުގެ 58 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ ލޮޅުންތައް ގިނަ ބަޔަކަށް އިހުސާސް ކުރެވިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ނަމަވެސް ބިންހެލުމުގައި އެ ސަރަޙައްދަށް ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް މިހާތަނަށް ނެރެފައެއް ނުވެއެވެ.

މި ސަރަޙައްދަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައެވެ.

ހޮންޝޫގެ އިރުމަތީ ސަރަޙައްދަކީ ޖަޕާނުގެ ވެރިކަންކުރާ ޓޯކިޔޯވެސް އޮންނަ ރަށެވެ. މިއީ 13.6 މިލިއަންއަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސަރަޙައްދެކެވެ.