ނޯވޭގައި މިދިޔަ މާޗް މަހުން ފެށިގެން ފެތުރެމުން ދިޔަ ކޮވިޑް-19 ކޮންޓްރޯލްކޮށް، އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމައިފިއެވެ.

އެ ގައުމުގެ ސަރުކާރުން ބުނީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ގޮތުން އަންނަ ހަފްތާ އިން ފެށިގެން ސްކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި މީހުން ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދޭން މިހާރު ނިންމާފައިވާ ކަމަށް ވެސް ނޯވޭގެ ސަރުކާރުން ބުންޏެވެ.

ނޯވޭގައި މިހާތަނަށް 8،034 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މި ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 217 މީހުންނެވެ.

"މާޗު މަހުގެ މެދުތެރެއިން ފެށިގެން މިކަމުގައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން މިހާރު ކޮވިޑް-19 ވަނީ ކޮންޓްރޯލްކޮށްފައި،" ނޯވޭގެ ބޮޑުވަޒީރު އެރްނާ ސޮލްބާގް ވިދާޅުވިއެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެން އަޅާފައި ހުރި ފިޔަވަޅުތައް ނަގަންވީއޭ. ބޭނުން ވަނީ ހޫނު މޫސުމުގެ ކުރިން ވީހާވެސް ގިނަ ވިޔަފާރިވެރިތަކަށް ފުރުސަތު ހުޅުވާލުން،"

ނޯވޭގައި ދިން ލުއިތަކުގެ ތެރޭގައި ހިމެނެނީ:

1- އެންމެ ގިނަވެގެން ވެސް 5-20 މީހުން އެކީގައި ތަންތަނުގައި ތިބެވޭނެ. އެކަމަކު ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި.

2- ކުޅިވަރު ޓީމުތަކަށް ޕްރެކްޓިސް ފެށޭނެ.

3- ސްކޫލްތައް އަންނަ ހޯމަ ދުވަހު ހުޅުވާނެ، އެކަމަކު، ހުރިހާ ދަރިވަރުން އެއްފަހަރާ ސްކޫލަކަށް ނުދާނެ.

4- ޕާކްތަކާއި ބާތަކާއި ކްލަބްތައް ހުޅުވޭނީ ޖޫން އެކަކުން ފެށިގެން. އިޖުތިމާއީ ގައިދުރުކަން ހިފަހައްޓަން ޖެހޭނެ.

5- އިވެންޓުތައް ބޭއްވުމުގެ ފުރުސަތު ޖޫން 15 އިން ފެށިގެން އޮންނާނެ. އެކަމަކު، ގިނަވެގެން ބައިވެރިވެވޭނީ 200 މީހުންނަށް.

ނޯވޭގެ ބޮޑުވަޒީރު ވިދާޅުވީ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދިން ނަމަވެސް ރައްޔިތުން ކެތްތެރިވާން ޖެހޭނެ ކަމަށާއި ނުރައްކާތެރި ހާލަތަކަށް ވިސްނަން ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ހާސިލްކޮށްދޭން ބޭނުންވެއްޖެ ނަމަ، އަލުން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އޭރުން އަނެއްކާ ވެސް ޖެހޭނީ އާންމުންނަށް ބޭރަށް ނުނިކުމެވޭ ގޮތް ހަދަން. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" ނޯވޭ ބޮޑުވަޒީރު ވިދާޅުވިއެވެ.

ނޯވޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރިއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3.9 މިލިއަނަށް އަރައިފައެވެ. މި ބަލީގައި އެކި ގައުމުތަކުން ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި 1.3 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.