އެމެރިކާ އަސްކަރިއްޔާގައި ޖައްވަށް ގޮސް ހަނގުރާމަކުރާނޭ ފައުޖެއް ޤާއިމުކުރަން ބޭނުންވާކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ރައީސް ޓްރަމްޕް މިހެން ބުނެފައިވަނީ ވައިޓް ހައުސްގައި އެމެރިކާ އަސްކަރިއްޔާގެ ފުޓުބޯޅަ ޓީމާ މުޚާޠަބުކޮށް ވާހަކަ ދައްކަމުންނެވެ.

ވައިޓް ހައުސްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ މިހާރު އެމެރިކާގައި އޮންނަ މައިގަނޑު ފަސް އަސްކަރީ ބާރުގެ ތެރެއަށް ހަވަނަ ބާރެއް ހިމަނަން ބޭނުންވާކަމަށާއި، އެއީ ޖައްވީ ބާރު ކަމަށެވެ. އެޤައުމުގައި މިހާރު އޮންނަ ފަސް ބާރަކީ އާމީ، ނޭވީ، އެއަރ ފޯސް، މެރިންސް އަދި ކޯސްޓް ގާޑް އެވެ.

ޓްރަމްޕް އިތުރަށް ބުނެފައިވަނީ މިކަމުގެ މުޙިއްމު ކަން އާއްމުންނަށް ނޭނގިދޭނެކަމަށާއި އެހެންނަމަވެސް، ޖައްވަށް ފައުޖެއް ފޮނުވުމަށް ނުވަތަ އެފަދަ ފައުޖެއް އުފެއްދުމުގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. އެހެންނަމަވެސް، ޖައްވުން އެޤައުމަށް ކުރިމަތިވެފައިވަނީ ކޮން ނުރައްކަލެއްކަމެއް ޓްރަމްޕް ބުނެފައި ނުވެއެވެ.

މީގެކުރިންވެސް، މި ކޮންސެޕްޓުގެ ވާހަކަ ޓްރަމްޕް ދައްކާފައިވާއިރު މިކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުންވެސް އެއްބާރުލުން ލިބެމުންދާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ޕެންޓަގަން އިން މިކަމަށް އެއްބާރުލުން ނުދޭކަމަށް އަޑު ފެތުރިފައިވެއެވެ.

ހަމައެހެންމެ، އެމެރިކާގެ އެންމެ ބޮޑު ދެ ވާދަވެރިންކަމުގައިވާ ރަޝިޔާ އާއި ޗައިނާއިން ޖައްވީ ދާއިރާގައި އެމެރިކާއަށް ވުރެ ކުރި ހޯދަމުންދާކަމަށާއި މިކަމުގެ ސަބަބުންވެސް، މިފަދަ ފައުޖަކަށް ބޭނުންވާކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ސަހަރޯ