މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން އިން ފެތުރެން ފެށި ވައިރަހުގެ އަސަރު މިހާރު ވަނީ މުޅި ދުނިޔެ އަށް ކޮށްފައެވެ. މި ވައިރަހުގެ އަސަރު ގިނަ ދިވެހިންތަކެއް ދިރިއުޅޭ ސްރީލަންކާ އަށްވެސް ކުރިއިރު، އެ ގައުމަކީ ވައިރަސް ހުއްޓުވަން އެންމެ އަވަހަށް އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅި އެއް ގައުމެވެ.

މިގޮތުން މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މުޅި ލަންކާގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. ދުވަސްކޮޅެއް ފަހުން މީހުން މަދު ހިސާބުތަކުގެ ކާފިއު އަށް ލުޔެއް ދިން ނަމަވެސް ވެރިރަށް ކޮލަމްބޯ އާއި އެނޫންވެސް ބޮޑެތި ސިޓީތަކަށް ކާފިއު އިން ލުޔެއް ދީފައެއް ނުވެއެެވެ.

ނަމަވެސް، ކާފިއު ހިންގަމުން އައިތާ 50 ދުވަހަށް ފަހުގައި މިއަދު ކޮލަމްބޯ ހިމެނޭހެން އެހެން ބޮޑެތި ސިޓީތަކުގައި އިއުލާން ކޮށްފައިވާ ކާފިއު އަށްވެސް ވަނީ ލުޔެއް ދީފައެވެ. މިއާއިއެކު އެތައް ދުވަހެއް ފަހުން މިއަދު ލަންކާގެ މަގުތައް ވަނީ އަނެއްކާވެސް ޓްރެފިކް ބާރު ބޮޑުވާން ފަށާފައެވެ.

ކާފިއު އަށް ލުޔެއް ދިން އިރު، ދެން ކާފިއު ހިނގާނީ ރޭގަނޑުން ފެށިގެން ފަތިހާއި ހަމައަށެވެ. މިހާރު ލަންކާގައި ބޭރަށް ނިކުމެ އުޅެން ޖެހޭނީ ހަމައެކަނި މަސައްކަތަށް ނިކުންނަ މީހުންނާއި ޒަރޫރީ ތަކެތި ގަންނަން ބޭނުންވާ މީހުން އެކަންޏެވެ. މިގޮތަށް ނިކުންނަ އިރުގައިވެސް މާސްކު އެޅުމާއި ގައިދުރުކުރުން (ސޯޝަލް ޑިސްޓެންސިންގ) އަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

މިއަދު ލަންކާގެ މަގުތައް މަތިން ފެނިގެން ދިޔައީ ލާމަސީލު ނަމޫނާ އެކެވެ. އެންމެންވެސް ބޭރަށް ނިކުތީ މާސްކު އަޅައިގެންނެވެ. ތަންތަނުގައި ހަދާފައި ހުރި ކިޔޫތަކުގައިވެސް މީހުން ތިބީ ބޮނޑިވެގެންނެއް ނޫނެވެ. މިއަދު ހުރިހާ ކަމެއްވެސް ގޮސްފައި ވަނީ ވަރަށް އަމާން ކޮށެވެ.

ލަންކާގައި މިހައިތަނަށް 855 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، މަރުވެފައި ވަނީ 9 މިހުންނެވެ. އަދި 321 މީހަކު ވަނީ ފަރުވާ ދީގެން ރަނގަޅުވެފައެވެ. މިހާރު އެ ގައުމުގައި ފައްސިވަމުން ދަނީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނާއި ސިފައިންގެ މީހުންގެ މެދުގައެވެ.

އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުން ހުއްޓިވިފައި އޮތް ނަމަވެސް އެ ގައުމުގެ ހެލްތު މިނިސްޓަރު ވަނީ ވައިރަހަށް ސަމާލުވެގެން އެންމެންވެސް އުޅުމަށް އާދޭހާއި އެކު ނަސޭހަތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާއިން

    މީ ކުރިއަށްލާ ސަލާމަތީ ފިޔަވަޅު އެޅުުގެ ނަތީޖާ ރައްޖާގަ އެހެނެއްނޫންވީ ބޮޑުންގެ މީހުންގެނެވެންދެން މަޑު ޖެއްސުމުން މިހާލަތަށް ގައުމު ވެއްޓުނީ މި ވަރަށް މިގައުމުގަ ފެތުރިގެން ނުދިޔައީސް ކުރިންފިޔަވަޅުއެޅިނަމަ ތައްޔާރުވީ އަމާ ބުނީތީ ފަރަށްދާގޮތަށް

    30
    2
  2. ސަހާ

    އަލްހަމްދުލިއްލާހި

    24
    1
  3. އާދަމުގެދަރި

    މި ބަލި ދުނިޔޭގައި އެންމެ ފުރަތަމަ ފެތުރެން ފަށައިފިކަން އިއުލާންކުރުމާއެކު ރައްޔިތުންނަށް ފޮތި މާސްކު ބޭނުންކުރަން ލަންކާގެ ކަމާބެހޭ އިދާރާތަކުން ލަފާދޭން ފަށައިފި. އަދި ލަންކާގެ އެކިއެކި ފަރާތްތަކުން ހަމައެދުވަހު އެތައް ބަޔަކަށް ހިލޭ ފޮތި މާސްކު ބެހިކަމަށްވަނީ. ނަތީޖާއަކަށް މިވީ ލައްކާއަށް މިބަލި އައިނަމަވެސް އެތައް ބަޔަކަށް ނުޖެހި ބަލިނުފެތުރި ކޮންޓްރޯލްވުން. ރާއްޖޭގައި އެންގީ މާސްކު ނާޅަން. މި ފެނުނީ މީގެ ތަފާތު.

    36
    1
  4. ލަންކާ

    ދިވެހިންނާއި ޚިލާފަށް ލަންކާމީހުންނަކީ ސަރުކާރުންނާއި އިދާރާތަކުން އަންގާއެންގުންތަކަށް ބޯލަނބައިގެން އެގޮތަށް ކަންތައްތައް ކުރާބައެއް. މިކަން އެންމެ ފުރަތަމަ ފިޔަވަޅުތަކާއި ހަމައިންވެސް ލަންކާގައި ފެނުނު. ފިހާރަތަކަށް ދިޔުމުގަޔާ މަގުމަތީގައި އުޅުނުއިރުވެސް ލަންކާ މީހުންގެ ކިބައިން ގައިދުރުކުރުމާއި އެކަންތައްތައް ފެނުނު. ނަމަވެސް ހިތާމައަކީ ދިވެހިންނަށް ހީވީ ގައިދުރުކޮށްގެން ތިބޭށޭ ބުނީމަވެސް ބޮނޑިވެގެން އެކަކު އަނެކަކަކުގެ ގަޔަށް އަރަން ބުނިހެން. ލަންކާމީހުންގެ ކެތްތެރިކަމާއި ގާތްވާ ވަރަށްވެސް ދިވެހިންގެ ކެތްތެރިކަމެއް ނެތް.

    44
    4
  5. އެމަންޖެ

    ދިވެހި ސަރުކާރު އަދި ދިވެހިންގެ ވާހަކަވެސް ނުދެއްކިއްްޔާ ރަނގަޅުވާނީ.

  6. ހަމަ

    ޓެސްޓު ނުކުރަންޏާ ޖެހޭކަމެއްވެސް ނުޖެހޭ ކަމެއްވެސް ނޭނގޭނެ! ރާއްޖޭގަވެސް ދެން ހުއްޓާފަ ހުޅުވާލާ އޭރަށްދެން ހަމައަކަށް އެޅުނީ

    1
    1