ޗައިނާއިން ޖައްވަށް ފޮނުވާލި ބިޔަ ރޮކެޓެއް އެޓްލާންޓިކް ކަނޑަށް ވެއްޓިއްޖެ އެވެ.

މި ރޮކެޓަކީ ޗައިނާގެ ޖައްވީ އިދާރާގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ އިދާރާއަށް ބޭނުންވާ ތަކެތި ޖައްވަށް ގެންދިއުމަށް ކުރިޔަށްގެންދާ މިޝަނެއްގައި ޓެސްޓަކަށް ފޮނުވާލާފައިވާ ރޮކެޓެއް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާއިން ޖައްވަށް ފޮނުވާލި މި ރޮކެޓް ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާއިރު، މި ރޮކެޓް ވެއްޓިފައި ވަނީ ދުނިޔެ ވަށައިގެން ދައުރުވަމުން ދަނިކޮށް ކަމަށް ވެއެވެ. މި ރޮކެޓް ދުނިޔޭގެ ވައިގެ ފަށަލައަށް ވަތްވަގުތު، އެހެން ރޮކެޓްތަކާއި ޚިލާފަށް ގޮވައި ކުދިކުދިވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

މި ރޮކެޓް އެޓްލާންޓިކް ކަނޑަށް ވެއްޓުމާއި ގުޅިގެން ޖައްވީ ކަންކަން ދިރާސާ ކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، އެފަރާތްތަކުން ބުނެފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ރޮކެޓް ވެއްޓުނު ނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި، މިފަދަ ބިޔަ ރޮކެޓެއް ބިމަށް ވެއްޓޭނީ ގަޑިއަކި އެތައްހާސް މޭލު ބާރުމިނުގައި ކަމަށެވެ.

ޗައިނާއިން ޖައްވަށް ފޮނުވާލި މި ޓެސްޓް ރޮކެޓް އެޓްލާންޓިކް ކަނޑަށް ވެއްޓިފައި ވާއިރު، މީގެ ކުރިން ޗައިނާއިން ބޭނުންކުރަމުން ދިޔަ ޖައްވީ އިދާރާއެއް ކަމަށްވާ "ޓިއަންގޮން-1 ވެސް ވަނީ 2018 ވަނަ އަހަރު ކަނޑަށް ވެއްޓިފައެވެ.