އޯޝަނިއާގެ ޤައުމެއް ކަމަށްވާ ފިޖީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެޤައުމަށް ބިންހެލުން އައިސްފައި ވަނީ މިރޭ 1:30 ހާއިރު އެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި ފިޖީއަށް މިރޭ ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ.

އެ އިދާރާއިން ބުނާގޮތުން ފިޖީއަށް މިރޭ ބާރުގަދަ މި ބިންހެލުން އައީ، ބިމުގެ 250 ކިލޯމީޓަރު އަޑިންނެވެ.

މިރޭގެ ބިންހެލުމާއި ގުޅިގެން ފިޖީއަށް ލިބުނު ގެއްލުމެއް އަދި ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއްވެސް، އިދާރާއަކުން ދީފައެއް ނުވެއެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ފިޖީގައި 300 އަށްވުރެ ގިނަ ރަށް އޮވެއެވެ. އެޤައުމަކީ ގާތްގަނޑަކަށް 9 ލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ.