ނުރައްކާތެރި ކޮވިޑް-19 ފެތުރުން ހުއްޓުވައި މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އައިސްލޭންޑަށް ދަތުރުކުރާ ކޮންމެ މީހަކު، ކަރަންޓީނު ކުރުމުގެ ބަދަލުގައި ބައްޔަށް ޓެސްޓު ކުރުމަށް އެޤައުމުން ނިންމައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ އައިސްލޭންޑުގައި ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއާއެކު އެޤައުމުން ކުރިން އަޅާފައިވާ ފުރަބަންދުގެ ބައެއް ފިޔަވަޅުތަކަށް އަންނަނީ ލުއި ދެމުންނެވެ.

އައިސްލޭންޑުން ބުނެފައިވަނީ، އެޤައުމަށް އެހެން ޤައުމުތަކުން ޒިޔާރަތްކުރާ މީހުން ކަރަންޓީނު ކުރުމުގެ ބަދަލުގައި ކޮވިޑް-19 އަށް ސީދާ ޓެސްޓު ކުރުމަށް ނިންމާފައިވަނީ އެޤައުމުގައި ބަލި އިތުރަށް ފެތުރިޔަނުދީ، އެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. މިގޮތުން އެޤައުމުގައި އޮންނަ ހަމައެކަނި ބައިނަލްއަޤުވާމީ އެއާޕޯޓް، ކެފްލެވިކް އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެޤައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

އައިސްލޭންޑުގެ އިދާރާތަކުން ބުނާގޮތުގައި، ފުރަތަމަ މިގޮތުގެ މަތިން ކުރިޔަށްގެންދާ ޓެސްޓުތައް ހަދާނީ އެޤައުމުގެ ސަރުކާރުން ޚަރަދު ކުރާ ގޮތަށް ކަމަށާއި، ނަމަވެސް އަންނަ މަހުން ފެށިގެން ޓެސްޓު ކުރާ ފަރާތްތަކުން އެ ޓެސްޓުތަކަށް ޚަރަދުވާ ފައިސާ ދައްކަން ޖެހޭނެއެވެ.

އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ނިންމުމާއެކު އެއާޕޯޓުން ކުރާ ޓެސްޓުގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެ ނަމަ އެމީހަކަށް ހޮޓަލަށް ދިއުމުގެ ހުއްދަ ދެވޭނެއެވެ. އަދި ނަތީޖާ ފައްސި (ޕޮޒިޓިވް) ވެއްޖެ ނަމަ 14 ދުވަހަށް ކަރަންޓީނު ފެސިލިޓީއަކަށް ދާން ޖެހޭނެ ކަމަށް ވެސް އެ އިދާރާތަކުން ބުނެފައި ވެއެވެ. މީގެ އިތުރުން އެޤައުމަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ފަރާތްތަކުން އެކަން އަންގައިދޭ ލިޔުން ދެއްކުމުން އިތުރު ޓެސްޓެއް ހަދަން ނުޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

އައިސްލޭންޑުން މިހާތަނަށް ޖުމްލަ 1802 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން ދިހަ މީހަކު މަރުވެފައި ވާއިރު، 1780 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެޤައުމުން ބަލި ކޮންޓްރޯލް ކުރެވިފައިވުމާއެކު މިހާރު ތައްޔާރުވަމުން ދަނީ ފުރަބަންދު އުވާލައި އާންމު ހާލަތަށް ދިއުމަށެވެ.