އިންޑިއާގެ ގުޖްރާތް އަވަށުގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ރޭޕްކުރި 50 އަހަރުގެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއްމުން ގުޅިގެން ފަށައިފިއެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގެ ހައިވޭގައި މިއަދު ހެނދުނާއި ޖެހެންދެން އާއްމުން ވަނީ މުޒާހަރާކޮށްފައެވެ. އަދި އެ މީހުން ވަނީ މެންދުރު ފަހު 3:00ގެ ކުރިން އެ މީހާ ހޯދައި އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ.

އެ ކުއްޖާ ރޭޕްކުރިކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ހަށިގަނޑުން ލޭ ފައިބާތީ އެ ކުއްޖާ ޑޮކްޓަރަށް ދެއްކުމުންނެވެ. ޑޮކްޓަރުން ވަނީ އެ ކުއްޖާއަށް ޖިންސީ ގޮތުން އަނިޔާކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެ ކުއްޖާ ވަނީ އެކަން ކުރީ ކާކުކަން މައިންބަފައިން ކައިރީ ބުނެފައެވެ.

އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު ވަނީ އޮަޕަރޭޝަންވެސް ކުރަން ޖެހިފައެވެ. އެއާއެކު އެ އަވަށު މީހުން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ފުލުހުންވެސް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެއަވަށު މީހުން ބޭނުންވަނީ އެމީހާ ދަންޖައްސައި މަރާލުމަށެވެ. އާއްމުންގެ ބަޔަކު ވަނީ އެ ކުއްޖާ ރޭޕްކުރި މީހާގެ ދަރިފުޅަށްވެސް އަނިޔާކޮށްފައެވެ. އިންޑިއާގައި ކުޑަކުދިން ރޭޕް ކުރުން އިތުރުވެ އެ މީހުންނަށް ހައްގު އަދަބު ނުދެވޭ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.