ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެމެރިކާއިން ފައްސި (ޕޮޒިޓިވް) ވީ މީހުންގެ އަދަދު 1.5 މިލިއަން އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ، 1,500,477 (އެއް މިލިއަން ފަސްލައްކަ ހަތަރުސަތޭކަ ހަތްދިހަ ހަތެއް) އަށް އަރާފައެވެ.

އެމެރިކާއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ދުނިޔެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، ބަލީގައި މަރުވި ޤައުމަކީވެސް އެމެރިކާއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އެމެރިކާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބަލި ޖެހުނު މީހުންގެ އަދަދު 16192 އަށް އަރައެވެ. އެހެނަސް މިއީ ފާއިތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު، ނިސްބަތުން ދަށް އަދަދެކެވެ.

އެމެރިކާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބަލި ޖެހިގެން 763 މީހަކު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މިއާއެކު މި ބަލީގައި އެޤައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 89,270 އަށް އަރާފައެވެ.

އެމެރިކާގެ އެކި ސަރަޙައްދުތަކަށް ބަލާއިރު، މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ނިއުޔޯކަށެވެ. އެ ސްޓޭޓުން އެކަނިވެސް 346,000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 22304 މީހަކު މަރުވެފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކު އެމެރިކާގައި ފައްސިވެފައި ވަނީ ނިއުޖާޒީންނެވެ. އެ ސްޓޭޓުން 144,000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 10,138 މީހަކު ވަނީ މަރުވެފައެވެ.

މި ސްޓޭޓްތަކުގެ އިތުރުން ވެސް އެމެރިކާގެ މެސެޝޫސެޓްސް އާއި އިލިނޮއިސް އާއި ކެލެފޯނިއާ އަދި ޕެންސީލްވޭނިއާގެ އިތުރުން މިޗިގަން އާއި ފްލޮރިޑާއަށް ވެސް ބަލީގެ ނުރައްކާ ބޮޑުވެ، ހަލުވިކަމާއެކު ބަލި ފެތުރެމުން ދެއެވެ.

އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 336,964 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އަދި މިހާރު މި ބައްޔަށް އެޤައުމުގައި ފަރުވާދެމުން ދަނީ 1,074,243 މީހަކަށް ކަމަށާއި، އޭގެތެރެއިން 16,060 މީހެއްގެ ހާލު ސީރިއަސް ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މީގެ ހަތަރު މަސްކުރިން، މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު