މީގެ ހަފްތާއެއްހައި ދުވަސް ކުރިން ފެށިގެން ބޭ އޮފް ބެންގާލް ގައި ތޫފާނަކަށް ބަދަލުވަމުން އައި ލޯ ޕްރެޝާ ސިސްޓަމް ތޫފާނަކަށް މުޅިން ބަދަލުވެއްޖެ ކަމަށް މޫސުމާއި ބެހޭ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފިއެވެ.

މޫސުމާއި ބެހޭ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ އިދާރާއަކުން މިކަން ހާމަކޮށް ނޫސްތަކުގައި ބުނެފައިވަނީ، "ތޫފާން އެމްފަން" ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ނުރައްކާ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދެ ދުވަސްތެރޭ މި ތޫފާނުގެ އަސަރު ގިނަ ޤައުމުތަކަށް ފޯރާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ކަނޑުގެ ސަރަޙައްދުގައި މިހާރު ދައުރުވަމުންދާ މި ތޫފާނުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އަވައްޓެރި ސްރީލަންކާ އާއި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން މިޔަންމާއެވެ. މި ޤައުމުތަކުން ތޫފާނުގެ ސީދާ އަދި ނުސީދާ އަސަރުކުރާ ހިސާބުތަކަށް ވެސް އާދަޔާއި ޚިލާފަށް މޫސުން ގޯސްވެ، ވައިގަދަވުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ކުރިންވެސް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

އިދާރަތަކުން ބުނާގޮތުގައި ތޫފާން އެމްފަން އަކީ ޕެސިފިކް ކަނޑުގައި އުފެދޭ ބާރުގަދަ ނަގޫރޯޅިއަކާއި އެއްވަރުގެ ތޫފާނަކަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެފަދަ ނަގޫރޯޅިއެއް ޤައުމުތަކަށް އަރާވަގުތު ލިބޭ ގެއްލުމާއި އެއްވަރުގެ ގެއްލުންތަކެއް ތޫފާން އެމްފަން އަރާ ޤައުމުތަކަށްވެސް ލިބިދާނެކަމަށް އެ އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

ތޫފާން އެމްފަން އަކީ މިއަހަރު ދެކުނު އޭޝިއާ ސަރަޙައްދުގައި އުފެދުނު މިފަދަ ފުރަތަމަ ތޫފާނެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް އުފެދުނު މި ތޫފާން ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވިފައިވާއިރު، ތޫފާނުގެ ބާރު ދަށްވާނީ މިހާރު މިސްރާބު ހުރި ގޮތުން ބަންގްލަދޭޝް އަށް އަރާފަހުންނެވެ.

ނުރައްކާތެރި މި ތޫފާނާއި ގުޅިގެން ލަންކާގެ އިރުމަތީ ސަރަޙައްދުތަކާއި މެދުތެރޭގެ ބައެއް ހިސާބުތައް "ހައި އެލާޓު"ގައި އޮތް އިރު، އިންޑިއާގެ 12 ޑިސްޓްރިކްޓަކަށް ވެސް ވަނީ ރަތް ސަމާލު ނެރެފައެވެ.

މި ތޫފާނާއި ގުޅިގެން އިންޑިއާގެ ސްޕެޝަލް ރިލީފް ކޮމިޝަނަރ (އެސްއާރުސީ)، ޕްރަދީޕް ޖީނާ ވިދާޅުވެފައި ވަނީ، ތޫފާނުގެ ސަބަބުން ކުރިޔަށް އޮތީ ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ދިމާވެދާނެ ކޮންމެ ކަމަކުން އަރައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޕްރަދީޕް ވިދާޅުވީ، މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް އިންޑިއާއަށް ކުރާނީ މިމަހުގެ 18 އާއި 20 ވަނަ ދުވަހާއި ދެމެދުގައި ކަމަށެވެ.

އިންޑިއާގެ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި މި ތޫފާނުގެ އަސަރު، 649 އަވަށަކުން ހަތްލައްކަ އަށްވުރެ ގިނަ މީހުންނަށް ކުރާނެއެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑެތި ގެއްލުންތައް ލިބޭނީ ތޫފާން ދައުރުވަމުންދާ ދިމާލުގައި ހުރި އައްސޭރީގެ ސަރަޙައްދުތަކަށް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

1882 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރެކޯޑް ކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ވަރުގަދަ ތޫފާންތަކުގެ ތެރެއިން 35 ތޫފާނެއް ބޭ އޮފް ބެންގާލްގައި އުފެދިފައި ވެއެވެ. މި ތޫފާންތަކުގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާވަހަރު އަލީ

    ރާއްޖެއަށް ބިރުވެރިކަމެއް އޮތް ނަމަސް ބުނެލަދިން ނަމަ ދޯ.

    98
    • ސަންގުމަރިޔަނބު

      ރާއްޖެ އެއްކޮށް އަޑިޔަށް ދާނެ، އިތުރައް ބުނާނެ އެއްޗެއް ނެތް

      3
      13
  2. ާއަންނި

    އިންޑިއާ މީހުން އަވަހަށް ގެރިތަށް އެލާޓަށް ގެނޭ

    12
  3. ާަަަައާން

    އިންޑިއާ އަދި ސްރިލަންކާ އަށް ކޯފާ އެއް ކަމަށް ވާނީ މުސްލިމުންނަ އަނިޔާ ކުރީތި

    6
    1