ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 483 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 483 މީހަކު މަރުވުމާއެކު، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 28,108 އަށް އަރާފައެވެ. ފްރާންސަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19 ބަލީގައި 4 ވަނަ އަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމެވެ.

ފްރާންސުން މިއަދު އެކަނިވެސް ޖުމްލަ 204 މީހަކު ފައްސިވެފައިވާއިރު، އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 179,569 އަށް އަރާފައެވެ. އެއާއެކު އެގައުމު މިހާރު އޮތީ މުޅި ދުނިޔެއިންވެސް 7 ވަނައަށް އެންމެ ގިނަބަޔަކު މި ބައްޔަށް ފައްސިވި ގައުމުގެ ގޮތުގައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 1,519,119 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 342,658 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް 90,711 މީހަކު ވަނީ މަރުވެފައެވެ.

މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން މިހާތަނަށް 281,752 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ 67,373 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2,631 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މުޅި ދުނިޔެއަށް ބަލާއިރު، ޖުމްލަ 4,775,844 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އޭގެތެރެއިން 315,554 މީހަކު ވަނީ މަރުވެފައެވެ. މުޅި ދުނިޔެއިން ބަލި ޖެހުނު މީހުންގެ 1,846,226 މީހަކު ވަނީ އެއްކޮށް ބަލިން ރަނގަޅުފައެވެ.