ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ގައުމުތަކުގައި ވަނީ އެކި ކަހަލަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުގައި ވަނީ ޖަމާއަތުގައި ނަމާދު ކުރުންވެސް މެދު ކަނޑާލާފައެވެ. މިގޮތަށް އެގައުމުތަކުން ނިންމާފައިވަނީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ބަލައިގެންނެވެ.

އެހެން ނަމަވެސް އީރާންނުން ވަނީ ސިއްޙީ މާހިރުންގެ ލަފަޔާއި ދެކޮޅަށް ވަގުތީ ގޮތުން މިހާރު މިސްކިތްތައް ހުޅުވާފައެވެ. އެގައުމުގައި ކޮވިޑް-19 އާއި ގުޅިގެން އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރަކު ނޫސްތަކުގައި ބުނެފައި ވަނީ މިފަދަ ނާޒުކު ހާލަތެއްގައި މިސްކިތް ހުޅުވުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

"ބަލި ޖެހޭ މީހުން އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، މިއީ މިސްކިތްތައް ހުޅުވަން އެންމެ ރަނގަޅު ވަގުތެއް ނޫން. ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ވާން ފެށީ ޖެހޭ މީހުންގެ އަދަދު ދަށަށް ދިއުމަށްފަހު" އޭނާ ބުންޏެވެ ބުންޏެވެ.

މިސްކިތްތައް ހުޅުވުމާއި ގުޅިގެން އޭނާ އިތުރަށް ބުނެފައިވަނީ މިސްކިތްތައް ހުޅުވަން ޖެހޭނީ އެންމެ އެދެވޭ ތަފާސްހިސާބުތަކަށް ބަލައިގެން ބަލި ޖެހޭ މީހުންގެ އަދަދު ދެ ހަފްތާވަންދެން މަދުވާން ފަށާ ހިސާބުން ފެށިގެން ކަމަށެވެ. އެހެން ނަމަވެސް އީރާނުން މިހާރު ވަނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އީރާނުގެ ސަރުކާރުން އެގައުމުގެ މިސްކިތްތައް ބަންދުކޮށްފައިވަނީ މާރިޗު މަހުގެ މެދު ތެރޭގައެވެ. އެހެން ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ މިސްކިތްތައް ހުޅުވާފައެވެ. މިގޮތަށް ހުޅުވުމަށް ނިންމާފައިވަނީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ދުވަހު މީހުންނަށް އަޅުކަން ކުރުމުގެ ފުރުސަތު ދިނުމުގައި ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އީރާން އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 122,492 އަށް އަރާފައެވެ. މި ބަލި ޖެހިގެން އެގައުމުން 7,057 މީހަކު މަރުވެފައިވާއިރު، 95,661 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައުތު

    ބޮޑު ފޮއްޓަށް ވަދެ ފިލާ އޮތަސް "މަރު" ބައްދަލު ކުރާނެ. ރައްކާތރިކަމާއެކު އުޅެން ހުޅުވަންވީ. ތަޤްދީރުގެ ކުރިޔަށް ތަދްބީރު ކުރަނީ ކާކު.

    8
    2
  2. އަޙްމަދް

    މި ސިޔާސީ އުކުޅެއް ދެންބުނަންވީ އީރާނު ކިހާރަނގަޅުހޭ!

    2
    1
  3. ތާ

    ކޮވިޑް ފިލާ ތިޔަ ނިމުނީ. އަލްހަމްދު