ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ވަލު ޖަނަވާރު ކެއުން ރަސްމީކޮށް މަނާކޮށްފިއެވެ.

ޗައިނާގެ ރަސްމީ އިދާރާތަކުން އިޢުލާނުކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ވުހާން ސިޓީގައި ހުރިހާ ބާވަތެއްގެ ވަލު ޖަނަވާރު ކެއުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އެ ސިޓީގައި ވަލު ޖަނަވާރުގެ ބާވަތްތައް ހިފުންވެސް ވަނީ މަނާކޮށްފައެވެ.

ވުހާންގައި ވަލު ޖަނަވާރު ވިއްކުން މަނާކޮށް، އެގައުމުގައި އެ އެއްޗެހީގެ ވިޔަފާރި ކުރާ މީހުންނަށް ބަދަލު ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ބަދަލެއްގެ ގޮތުގައި 'ޕޯކުޕައިން' އަކަށް 88 ޑޮލަރު، ބުޅަލެއްގެ ބަދަލުގައި 84 ޑޮލަރު، މީދާ ކިލޯއަކަށް 11 ޑޮލަރު، އަދި ހަރުފަ ކިލޯއަކަށް 17 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ކޮންމެ ފުއްލާއެއްގެ ބަދަލުގައި 345 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

ވުހާންގައި ވަލު ޖަނަވާރު ހިފުމާއި، ވިއްކުން މަނާކޮށްފައިވާއިރު، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ވުހާންގެ މާރުކޭޓެއްގައި ވިއްކި "ވާ ސޫޕް" އެއްގެ ސަބަބުން ފެތުރެން ފެށި ބައްޔެކެވެ. އެބަލި އެންމެ ފުރަތަމަ ފެތުރެން ފެށީ ވުހާންގައެވެ. އެހެންނަމަވެސް މިހާރު މުޅި ދުނިޔެއިން 5,045,301 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު