ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 5.1 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ، 5,165,782 (ފަސް މިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް ހަތްސަތޭކަ އައްޑިހަ ދޭއް) އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން ލައްކައެއްހައި މީހުންނަށް މުޅިން އަލަށް މި ބަލި ޖެހިފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާއިރު، މި ބަލިމަޑުކަމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 332,808 އަށް އަރާފައެވެ. ދުނިޔެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 2,060,325 މީހަރު ރަނގަޅުވެފައި ވެއެވެ.

ރާއްޖެ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ވަނީ ފެނިފައެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 1,613,966 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 96,026 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމުވެސް މެއެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ބްރެޒިލް އާއި ސްޕެއިން އާއި އިޓަލީ އާއި ފްރާންސް އާއި ޖާމަނީ އާއި އިނގިރޭސިވިލާތުގެ އިތުރުން ތުރުކީ ހިމެނެއެވެ. މީގެ އިތުރުން އޭޝިއާ ސަރަޙައްދުން އިންޑިއާގައި ވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ރާއްޖެ ހިމެނޭ އޭޝިއާ ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އިންޑިއާ އަށެވެ. އެޤައުމުގައި ބަލި ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިހާތަނަށް އެޤައުމުން 118,226 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 3,584 މީހަކު މަރުވެފައި ވެއެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭގައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ވުހާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ވަނީ ފެތުރިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އޮތީ މުޅި ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު