ބޭ އޮފް ބެންގާލްގައި އުފެދުނު ވަރުގަދަ ތޫފާން އިންޑިއާގެ އިރުމަތީ އައްސޭރީގެ ސަރަޙައްދުތަކަށް އަރާފައި ވަނީ އިއްޔެ އެވެ. އޭގެ ކުރިންވެސް އެ ސަރަޙައްދުތަކަށް އާދަޔާއި ޚިލާފަށް ވިއްސާރަކުރަމުން ދިޔައިރު، ތޫފާން އެރި ވަގުތަކީ ގިނަބައެއްގެ ހިތުން ފިލައިގެންނުދާ ވަރުގެ ބިރުވެރި ވަގުތެކެވެ.

ނޫސްތައް ބުނާގޮތުން އިއްޔެގެ ތޫފާނުގައި އިންޑިއާ އާއި ބަންގްލަދޭޝް އިން މިހާތަނަށް މަރުވި މީހުންގެ އަދަދު 84 އަށް އަރައެވެ. އަދި އެތައް މިލިއަން ބަޔަކަށް މި ތޫފާނުގެ ނުރައްކަލާއި ކުރިމަތިވެފައިވާ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.

ތޫފާނަށްފަހު ކަލްކަތާއަށް ލިބިފައިވާ ގެއްލުން ފެންނަ ވީޑިއޯ އާއި ފޮޓޯތައް މީސްމީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަނީ ތޫފާން އެރި ސަރަޙައްދުތައް ސުންނާފަތިވެފައިވާ މަންޒަރެވެ. އެގޮތުން ބޮޑެތި ގަސްތަކާއި ހޮޅިދަނޑިތައް ވެއްޓި ބޮޑެތި ގެއްލުން އެ ސަރަޙައްދުތަކަށް ލިބިފައިވާ މަންޒަރު ފެނެއެވެ.

މި ނުރައްކާތެރި ތޫފާން ސިފަކޮށްދެމުން ނޫސްތަކަށް މަޢުލޫމާތުދިން މީހަކަށް ބުނެފައިވަނީ، މިއީ މިހާތަނަށް ދުށް މިފަދަ އެންމެ ވަރުގަދަ ތޫފާން ކަމަށާއި، ތޫފާނަށްފަހު ގެއްލުން ލިބުނު ސަރަޙައްދުތައް "ސިފަވަނީ ހަނގުރާމައިގެ މައިދާނެއް" ފަދަ ގޮތަކަށް ކަމަށެވެ.

"އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހެން ފެށިތާ 45 ވަރަކަށް މިނެޓުތެރޭ މަގުތަކުގައި ފެންބޮޑުވި. ވައިގަދަވެ ގެތަކުގެ ފުރާޅާއި އެނޫންވެސް ތަކެތި ވަޔާއިއެކު ދާތަން ފެނޭ. ހޮޅިދަނޑިތަކާއި ގަސްފަދަ އެއްޗެހި މުލުން ލުހިގެންދިޔަ މަންޒަރު ދެކުނިން. މިއީ ދުވަހަކު އަހަރެން ދުށްފަދަ މަންޒަރެއް ނޫން،" ތޫފާން އެރި ވަގުތު ސިފަކޮށްދެމުން މީހަކު ބުންޏެވެ.

މި ތޫފާނަށްފަހު ކަލްކަތާއަށް ލިބުނު ގެއްލުމާއި އެކު އެ ސަރަޙައްދުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައެވެ. އެގޮތުން އެ ސަރަޙައްދުތަކުން 14 މިލިއަން މީހުން ދިރިއުޅޭ ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ތޫފާން އެމްފަން އަކީ 1999 ވަނަ އަހަރަށްފަހު ބޭ އޮފް ބެންގާލްގައި އުފެދުނު އެންމެ ވަރުގަދަ ތޫފާނެވެ. އެޓްލާންޓިކާއި ޕެސިފިކް ކަނޑުގައި އުފެދޭފަދަ ބާރުގަދަ ތޫފާނަކާއި އެއްވަރު މި ތޫފާން އިންޑިއާއަށް އަރާފައިވަނީ އޭގެ ބާރު އެންމެ މަތީ ގިނތީގައެވެ.

މި ތޫފާން އިންޑިއާ އާއި ބަންގްލަދޭޝް އަށް އެރިފަހުން އޭގެ ބާރުވަނީ ދަށްވެފައެވެ. ނަމަވެސް ތޫފާން އަދިވެސް ދައުރުވަމުން ދެއެވެ. މިހާރު ތޫފާން މިސްރާބު ޖަހާފައި ވަނީ އިންޑިއާ އާއި އިންވެގެން އޮންނަ ބޫޓާނަށެވެ. ބޫޓާނަށް މި ތޫފާން އަރާފަހުން ތޫފާނުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާކުރެއެވެ.