ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މަރާލި ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ޖަމާލް ޚަޝޯޤީގެ ގާތިލުންނަށް، އޭނާގެ އާއިލާ އިން މަޢާފް ދީފިއެވެ. އެހެންކަމުން އެއަމަލު ހިންގި މީހުން މަރުގެ ޙުކުމުން ސަލާމަތް ވާނެކަން މިވަނީ ކަށަވަރު ވެފައެވެ.

ޚަޝޯޤީ މަރާލީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެވެ.

ޚަޝޯޤީގެ ދޮށީ ދަރިފުޅު ސަލާހް ކުރި ޓްވީޓެއްގައި ބުނީ ބައްޕަގެ ހުރިހާ ދަރިން ވެސް މިހާރު ގާތިލުންނަށް މައާފް ދޭން ނިންމާފައިވާ ކަމަށެވެ.

"މިބަރާކާތްތެރި ރޭ، މި ބަރަކާތްތެރި މަހު މަޢާފު ދޭން ނިންމީ އެކަމުގެ ބަދަލު ﷲ ދެއްވާނެކަން ގަބޫލު ކޮށްގެން ތިބެ." ސަލާހް ބުންޏެވެ.

ޚަޝޯޤީ މަރާލި މައްސަލައިގައި ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށާއި ތިން މީހަކު ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރ މަހު ސައުދީ އަރަބިއްޔާގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ.

ޚަޝޯޤީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުން އޮތް ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަރަށް ބޮޑަށް ތުހުމަތު ކުރެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުންނާއި ވަލީއަހްދު މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކޮށްފައެވެ.

ޚަޝޯޤީ އަކީ ކުރިން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޚަބަރުތައް ލިޔުނު ނޫސްވެރިއެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޝާހީ އާއިލާ އާއި ދެކޮޅަށް ލިޔުންތައް ލިޔަން ފަށާފައެވެ. އެހެންކަމުން އޭނާ މަރާލީ ސައުދީގެ ޝާހީ އާއިލާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓުވަން ވެގެން ކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.

ޚަޝޯޤީގެ ގާތިލުންނަށް ދަރިން މަޢާފު ދިނުމާއި ގުޅޭ ގޮތުން އޭނާ މަރުވިއިރު ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅުނު އަދި، ޚަޝޯޤީ އަށް އިންސާފު ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރާ ހަތީކާ މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެކްޓަރ

  ވަރަށް ރަގަޅު ނަމޫނާއެއް.. އެއީ އިސްލާމްދީނުގެ ފުރިހަމަކަން... ބަދަލް ހިފުމުގެ ރޫހު އެއީ ކޮންމެފަދަ ނުބާކަމަކަށްވެސް އެރިދާނެކަމެއް..މިޒަމާނުގެ ޝަރުއީ ގޮތުން ކުރާ ހުކުމްތަކަށް ނުފޫޒާއި ބާރު ފޯރުވާ...

  18
  4
 2. މުނާ

  މީ ޚަޝޯޤީގެ ގެ ލޯބިވެރިޔާ އާއި ސައުދީ ސާހީ އާއިލާ ވަރަށް ބޮޑަށް ރާވާގެން ކޮށްފަ އޮތް ކަމެއްކަން މިހާރު ޔަގީން ވެއްޖެ، ސައުދީ ސަރުކާރުން ޚަޝޯޤީގެ ލޯބިވެރިޔާ އަށް ވަރަށް ބޮޑު ފައިސާގެ އަދަދެއް ދީގެން ޚަޝޯޤީގެ މަރާލަން ރާވާފަ އޮތް ނުބައި ރޭވުމެއް ، އެންމެ ފަހުން ޚަޝޯޤީގެ ދަރިން ރުހޭވަރަސް ފައިސާދީގެން އެމީހުނ އަތުން ގާތިލުންގެ މާފް ސައުދީ ސަރުކާރުން ހޯދާފައި ވާކަމަށް ވަރަށް ބޮޑަށް ބެލެވޭ

  20
  3
  • ރޯމަރުގޯސް

   ބައެއް ހީއަކީ ފާފައެއް ކަމަށް އޮވޭ. ތިމާއަށް ނޭނގޭ ކަންކަމުގެ ވާހަކަ ހީއެއްގެ މައްޗަށް ބިނާކޮށްގެން ސާބިތު އެއްވެސް ހެއްކެތް ދަލީލެއް ނެތި ދެއްކުމަކީ ނުބައިކަމެއް. މި ބަރަކާތްތެރި މަހުގައި ނުބައި ހީތައް މީސްތަކުންގެ ހިތްތަކަށް ވައްދައިދިނުމަކީ އަދި އެއަށްވުރެ ނުބައިކަމެއް. ކޮންމެ ފަދަ ހާލަތެއްގައި ނަމަވެސް ނިޔަތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތުން. މައާފު ދިނުމަކީ އެކަމުގެ ހެޔޮ ދަރުމައާއި ސަވާބު ވަރަށް މަތިވެރި ކަމެއް ކަމުގައި އަންގަވާފައި އޮތީ. މި ބަރަކާތްތެރި މަހުގައި ތެދުވެރި މާތް އިންސާނުން އެ މަތިވެރި ނިޢުމަތް ހޯދުމަށް މާފުކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. ހުރިހާ ފަރާތަކަށްވެސް މި ބަރަކާތްތެރި މަހުގެ ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރައްވާށި. އާމީން.

   17
   1
 3. ކަޝޯޖީ

  ޑރ ބާރީގެ އާއިލާއިން ޝަހީމަށް މާފުކުރާނެބާ؟

  1
  17