ކޮވިޑް-19 ޖެހިގެން އަވަށްޓެރި އިންޑިއާއިން ފާއިތުވި 24 ގަޑިއިރު ރިކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު، އިންޑިއާއިން ކޮވިޑް-19 ޖެހިގެން 6,198 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. މިއި މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެގައުމުން އެންމެ ގިނަ މީހުން ފައްސިވި ފަހަރު ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ. މީގެ ކުރިން އެގައުމުން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 6,140 މީހަކު ވަނީ ފައްސިވެފައެވެ.

ފާއިތުވި 24 ގަޑިއިރު އެގައުމުން މި ބަލި ޖެހިގެން 150 މީހަކު މަރުވެފައިވާއިރު، އިތުރު 15 މީހަކު ވަނީ މިއަދު މަރުވެފައެވެ. މިއާއެކު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,599 އަށް އަރާފައެވެ.

އެގައުމުން އިތުރު 1,193 މީހަކަށް ބަލި ޖެހި، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 119,419 އަށް އަރާފައެވެ. އެގައުމުގެ އާބާދީއަކީ 1.3 ބިލިއަން މީހުންނެވެ.

މީޑީއާތަކުން ބުނާ ގޮތުގައި ރިކޯޑް އަދަދަކަށް އެގައުމުން މީހުން ފައްސިވެފައިވަނީ ވެރިރަށް ދިއްލީގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އައި ދަނޑިވަޅެއްގައެވެ.

އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ކޮވިޑް-19 އާއި ގުޅިގެން އިއްވާފައިވާ ފުރަބަންދު މޭއި 31 އާއި ހަމައަށް އިތުރު ކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް މަދުން މީހުން ފައްސިވެފައިވާ ސަރަހައްދުތަކުގައި ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ.

މި ބަލި ޖެހިގެން ހާލު ސީރިއަސް ވެގެން އެއްވެސް މީހަކަށް އެގައުމުގައި ފަރުވާއެއް ދެމުނެއް ނުދެއެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 48,957 މީހަކު ވަނީ ރަނގަޅުވެފައެވެ.