މިއަދު ޕާކިސްތާނުގެ ކަރާޗީގެ އާންމުން ދިރިއުޅޭ ސަރަޙައްދަށް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލައިޓް ވެއްޓިފައިވަނީ ދެ އިންޖީނުވެސް ފެއިލްވުމުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްލައިޓް ރެކޯޑިންގްތައް މޮނީޓާކުރާ ވެބްސައިޓަކުން ނެރެފައިވަ މަޢުލޫމާތުތަކައް ބަލާއިރު، މި ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓައް ޖެއްސުމަށް ފުރަތަމަ މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވެގެން ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

ފުރަތަމަ ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައި ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ފްލައިޓު އަނބުރާލުމަށްފަހު ޕައިލެޓް ވަނީ އެކަން ކޮންޓްރޯލް ޓަވަރާއި ޙިއްސާކޮށްފައެވެ. އެއާއެކު ކޮންޓްރޯލް ޓަވަރުން ވަނީ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ރަންވޭއިން ކުރެ ކޮންމެ ރަންވޭއެއްގައި ފްލައިޓް ޖެއްސުމުގެ ހުއްދަ ދީފައެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު އާންމުކޮށްފައިވާ ވެބްސައިޓުން ނެރެފައިވާ މަޢުލޫމާތުތަކާއި ގުޅިގެން ރިޕޯޓްތައް ބުނެފައި ވަނީ، ދެވަނަ ފަހަރަށް ރަންވޭއަށް ޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފްލައިޓުގެ ދެ އިންޖީނުވެސް ފެއިލްވެއްޖެ ކަމަށް ޕައިލެޓް އަންގާފައިވާ ކަމަށެވެ.

ފްލައިޓް ވެއްޓުނީ ޕައިލެޓް "މޭޑޭ ކޯލް" އެއް ކުރިތާ 12 ސިކުންތު ފަހުން ކަމަށް ވެއެވެ.

މިއަދުގެ ހާދިސާގައި އެއާބަސް އޭ320 މަރުކާގެ މި ފްލައިޓް ވެއްޓިފައި ވަނީ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން އާންމު ގިނަ ގެތައް ހުރި ސަރަޙައްދަކަށެވެ. މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި 98 ފަސެންޖަރުންނާއި 8 ފަޅުވެރިން ތިބި ކަމަށް ނޫސްތައް ބުނެއެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާއިރު، މަރުވި މީހުންގެ ތެރޭގައި ފްލައިޓުން ދަތުރުކުރި މީހުންނާއި ފްލައިޓް ވެއްޓުނު ސަރަޙައްދުގައި ތިބި މީހުން ހިމެނޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިޒާމް

    ވަރަށް ހިތާމަ ހުރިކަމެއް. ބޭރުގެ އެކުސްޕާރޓުންތަކެއްގެ އިންޓަރވިއުއެއް މީގެކުޑަ ދުވަސްކޮޅެއް ދެކުނިން. އެމީހުން ބުނެފައިންނަނީ ފުލައިޓުތަށް އެތައް ދުވަހެއް ވަންދެން ބޭނުން ނުުކޮށް ތިބުމަށްފަހު އަލުން އުދުހެން ފަށާގަތުމަކީ ވަރަށް ޗެލެންޖިންގ ކަމެކޭ. ދޭތެރެ ދޭތެރެއިން ފުލައިޓުތަށް އިންޖީނު ރަންކޮށްފަ ޓެސްތުކޮށް އެތައްކަމެއް ގަވާއިދުން ކުރަންޖެހޭނެ ކަމަށް.