އަލަށް ފައްސިވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމަކަށް ބްރެޒިލް ވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބްރެޒިލް އިން އިތުރު 19,969 މީހަކު ވަނީ އަލަށް މި ބައްޔަށް ފައްސިވެފައެވެ. މިއީ އެއް ދުވަސް ތެރޭ އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފަހަރެވެ.

މިއާއެކު މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ، 330,890 އަށް އަރާފައެވެ.

ބްރެޒިލްގައި ދުވަހެއް ދުވަހަކަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާރު ދުނިޔެއިން މި ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނެއެވެ. ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމަކަށް ބްރެޒިލް ވެފައި ވަނީ، ކުރިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ރަޝިޔާ އަށްވުރެ، މިބަލީގެ ވޭދަނަ (ކޭސް) ބްރެޒިލް ގައި އިތުރުވުމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 966 މީހަކޮ ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 21,048 އަށް އަރާފައެވެ. ބްރެޒިލް އަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 135,430 މީހެކެވެ. އެހެންކަމުން އެޤައުމުގައި އިތުރު 174,412 މީހަކަށް އަދިވެސް މި ބަލީގައި ފަރުވާދެމުން ދެއެވެ. ބްރެޒިލް އަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މިވަގުތު މި ބަލީގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

ބްރެޒިލްގެ އިދާރާތަކުން ހާމަކުރާގޮތުން އެޤައުމުގައި 8318 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެހެންކަމުން އެޤައުމުވެފައިވަނީ، ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަށެވެ. މިކަމާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ބްރެޒިލް އިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން ތިންލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމަކީ އެމެރިކާއެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,644,061 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެއްގެ ގޮތުގައި މިހާރު ރަޝިޔާ އޮތްއިރު، އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 326,448 އަށް އަރައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާއިރު، ބްރެޒިލްގައި ދަނީ އެފަދަ ފިޔަވަޅުތައް އެޅުމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އިސްވެ ހުރެ ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި ގޮވާލަމުން ދަނީ، ސްޓޭޓްތަކުގެ ގަވަރުނަރުން، އެ ސްޓޭޓްތަކުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތައް ވަގުތުން އުވާލުމަށެވެ.

ބްރެޒިލްގެ ރައީސް ބުނާގޮތުގައި ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެކެވެ. އެހެންކަމުން އެކަމާއި ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ޤައުމު ހުޅުވާލައި އާންމު ދިރިއުޅުމަށް އެންމެންވެސް ދާން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާތީ އެކަމަށް ފާޑުކިޔަމުންނެވެ. މީގެ އިތުރުން، ބަލީގެ ކުރީކޮޅު އޭނާ ބުނެފައި ވަނީ، ބްރެޒިލްގެ ރައްޔިތުންނަށް މި ބަލި ޖެހުމަކީ ދުރު ކަމެއް ކަމަށާއި، އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފައިބައި ތިއްބަސް މި ބަލީގެ އަސަރެއް ނުކުރާނެ ކަމަށެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވާއިރު، މި ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ވައިރަސް އިތުރަށް ފެތުރި ޤައުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާފަދަ ގޮތަކަށް ކަންކަން ހިންގުމަށް ބްރެޒިލްގެ ރައީސް ބާރުއަޅަމުންދާތީ އެޤައުމުގެ ރައްޔިތުންވެސް ކަންބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2020

    އެއީ ބުރަޒީލަށްވެސް ލިބޭފަޚުރެއްތޯއްޗެ??

    2
    1
  2. ޔާޔާ

    އެއީ ބް ރެޒިލްގެ ވެ ރިންބޭނުންވިގޮތް. މިޤައުމުގެ
    ވެ ރިންވެސް ބޭނުންވަނީހަމައެގޮތް