ކޮވިޑް-19 ޖެހިގެން އިއްޔެ ވެސް އެމެރިކާ އިން އިތުރު 1293 މީހަކު މަރުވެއްޖެއެވެ.

މިއާއި އެކު އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 97,647 އަށް އަރާފައެވެ.

އެމެރިކާ އިން އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބުރާސްފަތި ދުވަހު މަރުވި މީހުންނަށް ވުރެ މަދެވެ. ބުރާސްފަތި ދުވަހު 1418 މީހަކު އެމެރިކާ އިން މަރުވިއެވެ.

އިއްޔެ އެމެރިކާ އިން 24197 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއެވެ. ބުރާސްފަތި ދުވަހު 28175 މީހަކު އެމެރިކާ އިން ފައްސިވިއެވެ. އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,645,094 އަށް އަރާފައެވެ. އޭގެ ތެރެއިން 403,201 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ލޮސް އެންޖެލިސް އާއި އިލިނޮއިސްގައި ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް މުއްދަތު އިތުރު ކުރުމުން އެމެރިކާގެ މައި ސަރުކާރުން ވަނީ ރޭ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާގެ އެސިސްޓެންޓް އެޓާނީޖެނެރަލް އެރިކް ޑްރެބަންޑް ވިދާޅުވީ ގެއިން ބޭރަށް ނިކުތުން މަނާ ކުރުމުގެ އަމުރަކީ ޤާނޫނާއި ހިލާފު އަމުރެއް ކަމަށެވެ.

ކޮވިޑް-19 އިން ކޮންޓްރޯލް ކުރަން ސްޓޭޓްތަކުގެ ސަރުކާރުތަކުން އަޅަމުންގެންދާ ގިނަ ފިޔަވަޅުތަކާއި ދެކޮޅަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. ރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަޅުކަން ކުރާ ތަންތަން ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެ ކަމަށް ބުނެ، ހުރިހާ ސްޓޭޓެއްގެ އަޅުކަންކުރާ ތަންތަން ހުޅުވާލުމަށް ވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު