ޗައިނާގެ ވޫހާން އިން މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކޮވިޑް-19 ފެނުނު ފަހުން އެގައުމުން ކޮވިޑް-19 އަށް މީހަކު ފައްސިނުވެ ފުރަތަމަ ފަހަރަށް އެއް ދުވަސް ފާއިތުވެއްޖެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ޗައިނާގެ އެއްވެސް ސަރަހައްދަކުން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ނަމަވެސް ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން ބުނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެމީހަކު އިއްޔެ ޗައިނާ އިން ފެނިފައިވާ ކަމަށެވެ. އެމީހުންނަށް ކޮވިޑް-19 ޖެހިފައި ވޭތޯ ކަށަވަރު ކުރުމަށް ދަނީ ޓެސްޓްތައް ހަދަމުންނެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޗައިނާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. ނަމަވެސް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ޗައިނާގެ އުތުރުގެ ޕްރޮވިންސަކުން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމުންނާއި، އަދި ވޫހާން އިން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން ޗައިނާގެ ހާލަތު އަނެއްކާ ގޯސް ވަނީ ކަމަށް ހީކުރެވުނެވެ.

އަލަށް ފައްސިވި މީހުންގެ ދެނެގަނެ، އަދި އެމީހުންނާއި ބައްދަލުވި މީހުން އެކަހެރިކުރުމުން އަލަށް ފެނުނު ކްލަސްޓާތަކުން އިތުރަށް ބަލި ފެތުރިފައެއް ނުވެއެވެ.

ޗައިނާގައި މިހާރު ތިބީ ކޮވިޑް-19 ޖެހިފައި ތިބި 79 މީހުންނެވެ. އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ސީރިއަސް އެވެ.

އެންމެ މުހިއްމީ ޗައިނާ ރައްޔިތުންގެ ސިއްހަތާއި، ގައުމީ ސަލާމަތް ކަމަށާއި ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ރައްޔިތުންގެ ސިއްހަތާއި، ގައުމީ ސަލާމަތް ހިމާޔަތް ކުރާނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިން ޕިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ޗައިނާ އިން ޑިސެމްބަރ މަހު ކޮވިޑް-19 ފެނުމާއި އެކު، އެގައުމުން ވަނީ ވަރަށް އަވަހަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެންމެ ބޮޑަށް ބަލި ފެތުރެމުން ދިހަ ހުބެއީ ޕްރޮވިންސް ވަރަށް އަވަހަށް ފުރަބަންދުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. ޗައިނާ އިން ވަރުގަދަ ފިޔަވަޅުތަކެއް އެޅުން ކުޑަކޮށް ލަސްކުރި ނަމަވެސް، އެތައް މިލިއަން ބަޔަކަށް ޗައިނާ އިން ބަލި ޖެހި، މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު