ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ ފްލައިޓެއް އިއްޔެ ވެއްޓުނު ހާދިސާގައި މިހާތަނަށް 92 މީހަކު މަރުވިކަން ކަށަވަރު ކުރެވިފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނެފިއެވެ.

އެއާބަސް އޭ-320 މަރުކާގެ ފްލައިޓް އިއްޔެ ވެއްޓުނީ ލާހޫރުން ކަރާޗީ އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ވެއްޓުނީ ކަރާޗީގެ އެއާޕޯޓާއި ވަރަށް ކައިރިވެފައި ވަނިކޮށް، ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. ފްލައިޓުން 91 މީހަކު ދަތުރު ކުރި ކަމަށް ވެއެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ ސަލާމަތް ވެފައި ކަމަށް، "އަލްޖަޒީރާ" އިން ބުނެއެވެ. ފްލައިޓް ވެއްޓުނު ސަރަހައްދުގައި ދިރިއުޅެމުން އައި ތިން މީހަކު ވަނީ މިހާދިސާގައި މަރުވެފައެވެ.

ޕާކިސްތާން ހެލްތު މިނިސްޓްރީގެ ތަރުޖަމާން މީރަން ޔޫސުފް "އަލްޖަޒީރާ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މަރުވި މީހުންގެ ތެރެއިން 60 މީހެއްގެ ހަށިގަނޑު ޖިނާހް ޕޯސްޓްގްރެޖްއޭޓް މެޑިކަލް ސެންޓަރުގައި އަދި 32 މީހެއްގެ ހަށިގަނޑު ކަރާޗީ ސިވިލް ހޮސްޕިޓަލްގައި އެބައޮތް ކަމަށެވެ. މިހާތަނަށް 19 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ޑީއެންއޭ ޓެސްޓްތައް ހަދައި ހަށިތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން. ހަށިތައް ދެނެގަތުމަށް ފަހު އާއިލާތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރާނަން." މީރަން ވިދާޅުވިއެވެ.

ޕީއައިއޭ އިން ބުނެފައި ވަނީ ފްލައިޓް ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެފައެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ލާހޫރުން މި ފްލައިޓް ފުރުމުގެ ކުރިން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުރުން ލަަސް ކުރިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއްް އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޕާކިސްތާންގެ ވައިގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފެށީ މިދިޔަ ހަފްތާގައެވެ.

ޕާކިސްތާނަކީ ފަހަކަށް އައިސް ފްލައިޓް ވެއްޓުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ކަމެކެވެ. 2016 ވަނަ އަހަރު ވެސް ޕީޓީއައިގެ ފްލައިޓެއް ވެއްޓި 47 މީހުން މަރުވިއެވެ. 2010 ވަނަ އަހަރު އިސްލާމްއާބާދުގެ އުތުރަށް ޕާކިސްތާންގެ އެއާ ބްލޫ އެއާލައިންގެ ފްލައިޓެއް ވެއްޓި 152 މީހަކު މަރުވިއެވެ.