ޕެރޫގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ޕެރޫގެ ރައީސް މާޓިން ވިޒްކާރާ އިއްޔެ އިއުލާން ކުރެއްވި ގޮތުގައި އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ފެށޭނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި ޖޫން 30 އާ ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމިގެންދާނެ ކަމަށް ވެސް ޕެރޫގެ ރައީސް ވިދާޅުވިއެވެ.

ޕެރޫ ރައީސް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި މީހުން ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންދަން ޖެހިއްޖެ ނަމަ އެކަން ކުރާނެއެވެ.

ޕެރޫގައި ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ ކުއްލި ހާލަތު އިއުލާންކޮށް ބޯޑަރުތައް ބަންދު ކުރީ މާޗް 15 ގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެންމުމާ ގުޅިގެން އެ ގައުމު ތިން މަހާއި 15 ދުވަސް ވަންދެން އެ ހާލަތުގައި އޮންނަން ޖެހޭނެއެވެ.

ޕެރޫގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 111,698 އަށް އަރައިފައެވެ. އެ ގައުމުގައި ބަލި ޖެހިގެން 3,244 މީހުން މަރުވި އިރު، ބަލިން ރަނގަޅުވެފައި ވަނީ 44,848 މީހުންނެވެ. ޕެރޫއަކީ މިހާރު ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ގައުމެވެ.

ޕެރޫގައި އިއްޔެ އެކަނި ވެސް 2,929 މީހެއްގެ ގައިން ބަލި ފެނުނު އިރު، 96 މީހަކު މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު