ޕާކިސްތާނުގެ ލަހޯރު އިން ކަރާޗީ އަށް ދަތުރު ކުރަމުން ދަނިކޮށް އިއްޔެ ވެއްޓިފައިވާ ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ކަޅުފޮށި (ބްލެކްބޮކްސް) ފެނިއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

މި ބޯޓުގެ ކޮޅުފޮށި ފެނިފައިވާކަން ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ސްޕޯކްސްޕާސަން އަބްދުﷲ ހާން ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާ ބުނީ، ކަޅުފޮށި ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު ކަމާއި ބެހޭ ފަރާތްތަކާއި ކަޅުފޮށި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީހުން ދިރިއުޅޭ ސަރަހައްދައް މި ފްލައިޓް ވެއްޓުމާއި ގުޅިގެން އެ ހިސާބުގެ ހޮސްޕިޓަލްތައް ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ. މި ހާދިސާ ހިނގި ސަރަހައްދުން މިހާތަނަށް 97 އަށްވުރެ ގިނަ މީހުން ހަށިގަނޑު ހޮވާފައިވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ސަލާމަތްވެފައިވަނީ ބޭންކް އޮފް ޕަންޖާބުގެ ރައީސް ޒަފަރް މަސޫދު އާއި އާންމު ރައްޔިތެކެވެ. މި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިނަމަވެސް ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އޭވިއޭޝަން މޮނިޓަރ ކުރަމުން އަންނަ ވެބްސައިޓެއްގައިވާ ރިކޯޑިންގް އެއްގައި ބުނެފައިވަނީ ފްލައިޓް ވެއްޓުމުގެ ކުރިން ޕައިލެޓް އެއާ ޓްރެފިކް ކޮންޓްރޯލަރުން ކައިރީ ބޯޓުގެ ދެ އިންޖީނު ފެއިލް ވެފައިވާ ކަން ބުނެފައިވާ ކަމަށެވެ.

އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ހިސާބަކަށް ވެއްޓިފައިވަނީ 99 މީހުންނާއި އެކީ ދަތުރު ކުރަން އައި އެއާބަސް A320 މަރުކާގެ ބޯޓެކެވެ. މި ހާދިސާއަކީ 2012 އަހަރަށް ފަހު އެގައުމުން ހިނގި ވައިގެ އެންމެ ނުރައްކާތެރި ހާދިސާއެވެ.