ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ މަރާލާފައިވާ ކުރީގެ ލީޑަރު، އަބޫބަކުރު އަލް-ބަޣްދާދީއަށް ފަހު އެ ޖަމާޢަތުގެ ލީޑަރު ކަމަށް އައްޔަން ކުރުމަށް ހަމަޖެހުނު ކެންޑިޑޭޓް، އަބްދުއްނަސީރު އަލް-ޤިރްދާޝް ހައްޔަރުކޮށްފިއެވެ.

އަބްދުއްނަސީރު ހައްޔަރުކޮށްފައި ވަނީ، އައިސިސް އާއި ދެކޮޅަށް އިރާގުގެ އަސްކަރިއްޔާއިން މިހާރު ކުރިޔަށްގެންދާ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން، އޭނާ ފިލައިގެން އުޅެނިކޮށް ކަމަށް ނޫސްތައް ބުނެއެވެ.

އަބްދުއްނަސީރު އިރާގު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އޭނާ އާއި ރަސްމީކޮށް އައިސިސްގެ ލީޑަރުކަން އަދި ހަވާލުކޮށްފައިވާ ކަމެއް އެ ޖަމާޢަތުން އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާއަކީ، ބަޣްދާދީ މަރުވެއްޖެ ނަމަ އޭނާގެ ބަދަލުގައި އެމަޤާމަށް ގެނައުމަށް ބަޣްދާދީ ހަމަޖައްސާފައި ހުރި ކެންޑިޑޭޓް ކަމަށް ވެއެވެ.

އަބްދުއްނަސީރު ހައްޔަރުކޮށްފައި މިވަނީ، އިރާގުގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ، މުސްތަފާ އަލް-ޚަދީމީ، އެޤައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަންވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މުސްތަފާ އަލް-ޚަދީމީ ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އިރާގުން އައިސިސްގެ ވަސް ފޮހެލާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

އައިސިސް އާއި ދެކޮޅަށް އިރާގުން ފެށި ވަރުގަދަ އޮޕަރޭޝަން ކުރިޔަށްގެންދާން ފަށާފައިވަނީ ދާދިފަހުންނެވެ. މި އޮޕަރޭޝަނާއި ގުޅިގެން މުސްތަފާ އަލް-ޚަދީމީ ވިދާޅުވެފައި ވަނީ، މިއީ އައިސިސް ނައްތާލުމަށް ކުރާ އެންމެ ފަހުގެ ހަނގުރާމަ ކަމަށެވެ.

އައިސިސްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންނާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުމަށް އިރާގުގެ ބޮޑުވަޒީރު ނިންމަވާފައި ވަނީ، ރަމަޟާން މަހުވެސް އެ ޖަމާޢަތުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ލޭއޮހޮރުވުންތަކާއި ޖަރީމާތައް ހިންގަމުން ދާތީއެވެ. އެ ޖަމާޢަތުން އިރާގުގެ ބައެއް ސަރަޙައްދުތަކުގެ ބިންތަކަށް މިހާރުވެސް އަތްގަދަ ކޮށްގެން ހަރަކާތްތެރިވަމުން ދެއެވެ.

އައިސިސް އުފެއްދި އެ ޖަމާއަތުގެ ފުރަތަމަ ލީޑަރު، ބަޣްދާދީ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިޔާއިން ސީރިޔާގައި ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާ ސިފައިން އޭނާ ފިލައިގެން އުޅުނު ބިންގަރާސް ވަށާލުމުން އެތަނުގެ ތެރޭގައި ޖާނުގޮއްވާލައިގެން އަމިއްލައަށެވެ.

ބަޣްދާދީ މަރުވުމުން މަޤާމާއި ހަވާލުވުމަށް ހަމަޖައްސާފައިވާ އަބްދުއްނަސީރަކީ، އޭނާ ނެތް ދުވަހެއްގައި އޭނާ އެޖެންޑާކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށް މަތިކޮށްފައި ހުރި މީހާއެވެ.

އައިސިސްގެ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް އިރާގުގައި ގިނަ ޢަދަދެއްގެ ޢާންމުން ގެދޮރު ދޫކޮށް ރައްކާތެރި އެހެން ހިސާބުތަކަށް ވެސް ގޮސްފައި ވެއެވެ. މި ޖަމާޢަތުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތަކުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގު ވެފައިވަނީ މީހުން ވަޒަންވެރިވުމަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާތެރި އެއް ޤައުމަށެވެ.