އެމެރިކާގެ ކެލެފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ފްރެންސިސްކޯގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސެން ފްރެންސިސްކޯގެ ބަންދަރުގައެވެ. އެ ބަނދަރުގައި ހުރި ގުދަންތަކެއްގެ އަލިފާން ރޯވެ ހިނގި މި ހާދިސާގައި، އެ ސަރަޙައްދުގެ ބޮޑު ބައެއް ވަނީ އަނދައި އަޅިޔަށްވެފައެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ބަނދަރު ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށްވެސް ބަދަލުކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން ގިނައިރުތަކެއް ވެގެން ދިޔައިރުވެސް ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ބަނދަރާއި، އެތަނުގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ އަނދާފައެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ފަޔާފައިޓަރުންގެ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައި ވެއެވެ. އޭގެތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ފޮޓޯތަކުން ފެންނަނީ އެ ސަރަޙައްދުގައި ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައިވާ މަންޒަރެވެ.

މި ހާދިސާގައި މީހަކު މަރުވިކަމެއް އަދި އެނގިފައި ނުވާއިރު، މިއީ އާންމު ގޮތެއްގައި ސެން ފްރެންސިސްކޯގައި ހާލުގައި ޖެހި މަގުމަތިވެފައިވާ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދުމަށް ގޮސް ތިބޭ ސަރަޙައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މި ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް އިދާރާތަކުން ދަނީ ކުރަމުންނެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ހަދާފައިވާ މި ބަނދަރަކީ ސެންފްރެންސިސްކޯގައި ހުރި ހަމައެކަނި ބަނދަރެވެ. މިއީ އެ ސިޓީއަށް ކަނޑުމަގުން އުޅަނދުފަހަރުގައި ކާގޯ ގެނައުމަށް ބޭނުންކުރަމުންދާ ބަނދަރެކެވެ.

ބޮޑު ސަރަޙައްދެއްގައި ރޯވެ ހިނގި މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ސެން ފްރެންސިސްކޯގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.