ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފަލަސްތީނުގެ ޣައްޒާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

މިކަން ހާމަކޮށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، ކޮވިޑް-19 ޖެހިގެން ޣައްޒާ އިން ފުރަތަމަ މީހަކު މަރުވެފައި ވަނީ ހޮނިހިރު ދުވަހު ކަމަށާއި، މަރުވީ އުމުރުން ދުވަސްވީ އަންހެނެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އުމުރުން 77 އަހަރުގެ އެ އަންހެން މީހާ މަރުވެފައި ވަނީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އޭނާ މަރުވީ ބަލީގައި ހާލު ދެރަވެ، ހިތުގެ މައްސަލަތަކަށްވެސް ފަރުވާދެމުން ދަނިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޣައްޒާ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 54 މީހެކެވެ. އޭގެތެރެއިން 16 މީހަކު މިހާތަނަށް ރަނގަޅުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި އެހެން ޤައުމުތަކުން ދިޔަ ގިނަ ބަޔަކު ހިމެނޭ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާއިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިނުވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެ ސަރަޙައްދުގައި މި ބައްޔާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައިވާއިރު، ބަލި ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ފަލަސްތީނު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މިހާތަނަށް ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު 5.3 މިލިއަންއަށްވުރެ އިތުރުވެފައިވާއިރު، އޭގެތެރެއިން 343,445 މީހަކު ވަނީ މަރުވެފައެވެ.