މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ޕާކިސްތާނުގެ ކަރާޗީއަށް ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލައިޓް، ވެއްޓުމުގެ ކުރިން ރަންވޭގައި ޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނީ، ފްލައިޓް ޕީކޭ-8303 ވެއްޓުނީ ފުރަތަމަ ފަހަރަށް ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އުޅުމުން އެކަން ކާމިޔާބުވާގޮތް ނުވެ ދެވަނަ ފަހަރަށް އެއާޕޯޓާއި ދިމާލަށް މިސްރާބު ޖަހައި، ޖައްސަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

އިދާރާތަކުން ބުނާގޮތުން، ފުރަތަމަ ފަހަރު ފްލައިޓް ޖައްސަން އުޅުނު ވަގުތު، ރަންވޭގައި ފްލައިޓް ޖައްސާފައިވާ ކަމަށެވެ. ނަމަވެސް ފްލައިޓް އަލުން އަނބުރާ އުދުއްސާލީ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. މިގޮތަށް ކަންތައް ކޮށްފައި ވަނީ، ފްލައިޓުގައި ޓެކްނިކަލް މައްސަލައެއް އުޅޭކަން ޕައިލެޓަށް ފާހަގަވުމުން ރައްކާތެރިކަމާއި އެކު ދެވަނަ ފަހަރަށް ޖެއްސުމަށްޓަކައެވެ. އޮފިޝަލުން ބުނެފައިވާ ގޮތުން ފުރަތަމަ ފްލައިޓް ޖައްސަން އުޅުނުވަގުތު ރަންވޭ މަތީގައި 20 ވަރަކަށް ސިކުންތު ވަނީ ހޭދަކޮށްފައެވެ.

ދެވަނަ ފަހަރަށް ފްލައިޓް އެ ރަންވޭގައި ޖެއްސުމަށްޓަކައި އަނބުރާލައި، ގާތްގަނޑަކަށް ދެ މިނެޓު ތެރޭ 3175 ފޫޓު މަތިން ދަތުރުކުރިއެވެ. ފްލައިޓް ފަހުން އެއާޕޯޓަށް ޖައްސަން މަސައްކަތް ކޮށްފައި ވަނީ އޭގެ ފަސް ވަރަކަށް މިނެޓު ފަހުންނެވެ.

އެންމެ ފަހުން ފްލައިޓުން ރެކޯޑް ކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފްލައިޓާއި ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑިފައި ވަނީ 500 ފޫޓަށްވުރެ ތިރިންނެވެ. އެއީ ފްލައިޓް އެއާޕޯޓް ކައިރީގައި ހުރި އިމާރާތްތަކުގައި ޖެހި ވެއްޓުނު ވަގުތު ކަމަށް ބެލެވެއެވެ.

މި ފްލައިޓް ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން، ފްލައިޓުގެ ދެ އިންޖީނުވެސް ފެއިލްވެފައިވާކަން ޕައިލެޓުން ވަނީ ކޮންޓްރޯލް ޓަވަރަށް އަންގާފައެވެ. އެއާއެކު އެއާޕޯޓުގެ ދެ ރަންވޭގައި އިމަޖެންސީގައި ޖެއްސުމުގެ ހުއްދަވެސް ކޮންޓްރޯލް ޓަވަރުން ދީފައިވެއެވެ. އޭގެ ގާތްގަނޑަކަށް 30 ސިކުންތު ފަހުން ޕައިލެޓް ވަނީ "މޭޑޭ ކޯލް" އެއް ކޮށްފައެވެ. އެއީ ޕައިލެޓުންނާއި ކޮންޓްރޯލް ޓަވަރާއި މެދު އެންމެ ފަހުން ކުރެވުނު މުޢާމަލާތެވެ.

މި ނުރައްކާތެރި ހާދިސާ ހިނގި ވަގުތު ފްލައިޓުގެ 8 ކުރޫ މެމްބަރުން ހިމެނޭހެން 99 މީހަކު ދަތުރުކުރިއެވެ. ހާދިސާގައި އޭގެތެރެއިން 97 މީހަކު މަރުވެފައި ވާއިރު، ފްލައިޓު ވެއްޓުނު ސަރަޙައްދުން 5 ގެއަކާއި ހަތް ވެހިކަލް ވަނީ އަނދައި އަޅިޔަށް ވެފައެވެ.