ހަފްތާއެއްގެ ރަސްމީ ދުވަސް، ފަސް ދުވަހުން ހަތަރު ދުވަހަށް ބަދަލު ކުރުމަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ހުށަހަޅުއްވައިފިއެވެ.

ޖެސިންޑާ މިގޮތަށް ހުށަހަޅުއްވާފައި ވަނީ، ކޮވިޑް-19 ގެ ނުރައްކަލާއި އެކު އުޅެން ޖެހިފައިވާ މި ހާލަތުގައި ޤައުމުގެ އިޤްތިސާދާއި ފަތުރުވެރިކަން އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޖެސިންޑާ ވިދާޅުވީ، ކޮވިޑް-19 ގެ ފުރަބަންދަށްފަހު އާންމު ހާލަތަކަށް ރުޖޫޢަވާއިރު، ރަސްމީ ދުވަސްތައް މަދުކޮށްފި ނަމަ ބަލީގެ ނުރައްކާ އިތުރުވެގެން ދިއުން ކުޑަވާނެ ކަމަށެވެ. އަދި އެގޮތަށް އިދާރާތައް ހޭނުމަކީ އެކަމުން އިތުރު މައްސަލައެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެކަމަނާ ވިދާޅުވިގޮތުގައި، މިގޮތަށް ހުށަހަޅާފައި މިވަނީ ހަފްތާއެއްގެ ރަސްމީ ދުވަސްތައް މަދު ކުރުމަށް އެޤައުމުގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ ބަޔަކުވެސް އެދެމުންދާ، އަދި އެގޮތަށް ބައެއް ކުންފުނިތަކުން ޢަމަލު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

ޖެސިންޑާ ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 ފެތުރެމުންދިއުމާއި އެކު ނިއުޒިލޭންޑުގައި ފުރަބަންދު އިއުލާނުކުރުމާއި ގުޅިގެން މިދިޔަ އޭޕްރިލް މަހު އެކަނިވެސް އެޤައުމުން ވަޒީފާ ގެއްލުނު މީހުންގެ އަދަދު ވަނީ ހަލައްކައަށްވުރެ އިތުރުވެފައެވެ. މިކަމުގެ ސަބަބުން އެޤައުމުގެ ވަޒީފާ ނެތްމީހުންގެ ނިސްބަތް 10 އިންސައްތައާއި ގާތްކުރާ ކަމަށް އެކަމަނާ ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ދީފައިވާ ލުއިތަކާއެކު ރަސްމީ ދުވަސްތައް މަދު ކުރުމަށް ޖެސިންޑާ ވަނީ ކުންފުނިތަކާއި އަމިއްލަ އިދާރާތަކުގެ ވެރިންނަށް ވެސް ލަފާދެއްވާފައެވެ. އެ ބަދަލު ގެނެވޭނީ އެފަރާތްތަކުގެ އެއްބާރުލުމާއި އެކު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

4.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑުގައި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 1504 މީހެކެވެ. އޭގެތެރެއިން 21 މީހަކު މަރުވެފައިވާއިރު 1456 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ 27 މީހަކަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ނިއުޒިލޭންޑުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާއިރު، އެޤައުމުންވެސް މިހާރު ތައްޔާރުވަމުން ދަނީ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެނެސް އާންމު ހާލަތަކަށް ދިއުމަށެވެ. ނަމަވެސް އާންމު ހާލަތަކަށް އެޤައުމު ގެންދިޔަ ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ އުސޫލުތަކެއް އެކުލަވާލާނެއެވެ.