އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި، ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީޢަތް މިއަދު އިސްރާއީލްގެ ކޯޓެއްގައި ފަށައިފިއެވެ. މިއަދު ނަތަންޔާހޫ ވަނީ އޭނާގެ ޤާނޫނީ ވަކީލުންނާއި އެކު މައްސަލައިގެ ފުރަތަމަ ޝަރީޢަތައް ހާޒިރުވެފައެވެ.

ބޮޑުވަޒީރުގެ މަގާމުގައި ހުރެ، ޖިނާޢީ ދައުވާއަކާއި ކުރިމަތިލާން ނުޖެހޭ ގޮތައް ޤާނޫނު ބަދަލު ކުރަން ނަތަންޔާހޫ މީގެ ކުރިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެގައުމުގެ އެތެރެއިން ކުރިމަތިވަމުން އައި ޕްރެޝަރުގެ ސަބަބުން އެގޮތައް ޤާނޫނު ފާސްކުރެވޭ ގޮތެއް ނުވިއެވެ.

ނަތަންޔާހޫ އަކީ އިސްރާއީލްގެ ތާރީޚްގައި ވެސް މަގާމުގައި ހުއްޓާ ޖިނާޢީ ދައުވާއެއް އުފުލުނު ފުރަތަމަ ބޮޑުވަޒީރެވެ.

ނަތަންޔާހޫ މިއަދު ކޯޓަށް ހާޒިރުކުރި ވަގުތާއި ދިމާކޮށް އޭނާގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ކޯޓު ކައިރިއަށް އެއްވެ އަޑުއުފުލާފައި ވެއެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތުގެ ދައުވާ އަކާއި މާލީ މުއާމަލާތްތަކެއް އޮޅުވާލި މައްސަލައެއްގެ ދައުވާ އަކާއި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކޮށްގެން ނުވާނެ އަމަލުތަކެއް ކުރުމުގެ ދައުވާއެއް އުފުލާފައެވެ. މިދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދިހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

ނަމަވެސް ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް އިންކާރު ކޮށްފައެވެ. ނަތަންޔާހޫ ބުނާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސިޔާސީ މަޤުޞަދެއްގައެވެ.

ނަތަންޔާހޫގެ މައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލް އަކުންނެވެ. މިއަދުގެ ޝަރީޢަތުގައި އޮތީ ދައުވާ އިއްވުމާއި، ދައުވާތަކާއި ދެކޮޅަށް ހުރި ހެކިތައް ހާމަކުރުމެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށް ވާތީ އަޑުއެހުމުގެ ތަފްސީލްތަކެއް އަދި ނުލިބެއެވެ.