ތައިލޭންޑުން ކޮވިޑް-19 އަށް އުފެއްދި ވެކްސިނެއް ފުރަތަމަ މަރުޙަލާ ކާމިޔާބުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ދިން ތައިލޭންޑުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ، އެޤައުމުގެ ތަޖުރިބާކާރުން އުފެއްދި ވެކްސިނެއްގެ ތަހުލީލުތައް މިހާރު ކުރިޔަށްދާއިރު، މިހާތަނަށް އުންމީދީ ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ޗައިނާއަށް ފަހު، އެންމެ ފުރަތަމަ މި ބަލި ފެނުނު ތައިލޭންޑުގައި އުފައްދާ ވެކްސިންގެ މަސައްކަތް ކުރަމުން ދަނީ، އެޤައުމުގެ ނޭޝަނަލް ވެކްސިން އިންސްޓިޓިއުޓާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސް އާއި ޗުލަލޮންކޯން ޔުނިވާސިޓީން ގުޅިގެންނެވެ.

މި ވެކްސިންގެ ތަހުލީލުތައް މިދަލެއް ބޭނުންކޮށްގެން ކުރިޔަށްގެންގޮސްފައި ވާއިރު، ނަތީޖާ ކާމިޔާބުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވެއެވެ. އަދި ކުރިޔަށް އޮތް ހަފްތާ ތެރޭގައި ތަހުލީލުތަކުގައި ރާމާމަކުނު ފަދަ ޖަނަވާރުތައް ބޭނުންކޮށްގެން އިތުރު ތަހުލީލުތައްކޮށް މި ވެކްސިންގެ ކާމިޔާބުކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އޭނަ ވަނީ ވިދާޅުވެފައެވެ.

މި ތަހުލީލުތަކުން އެދެވޭ ނަތީޖާއަކާއި ހަމައަށް ވާސިލުވެވި، މިއީ ބަލިން ސަލާމަތްވުމަށް ބޭނުންކުރެވިދާނެ ވެކްސިނެއްކަން ޔަޤިންކުރެވިއްޖެ ނަމަ އަންނަ އަހަރުގެ ތެރޭގައި ވެކްސިން ބޭނުންކުރަން ފެށޭނެ ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ދުނިޔެ ކުރިމަތިލަމުންދާތާ ގިނަ ދުވަސްތަކެއް ވެގެންގޮސްފައި ވާއިރު، މިހާތަނަށް މި ބައްޔަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ބޭނުންކުރެވެން ފަށާފައެއް ނުވެއެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 އަށްވުރެ ގިނަ ވެކްސިނެއްގެ ތަހުލީލު ކުރެވެމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރިން ބުނެފައި ވެއެވެ.

އެ ޖަމިއްޔާއިން ބުނާގޮތުން، މިއިން ބައެއް ވެކްސިންތަކުގެ ކްލިނިކަލް ޓްރަޔަލް މިހާރު ފެށިގެން ދަނީ ކުރިޔަށެވެ. ނަމަވެސް ކާމިޔާބު ވެކްސިނެއް އުފެއްދި ބޭނުންކުރަން ފެށުމާއި ދެމެދު އަހަރެއްހައި ދުވަސް ހޭދަވާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.