ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާއެއް ކަމަށްބުނެ އެފްރިކާ ސަރަޙައްދުގެ ޤައުމެއް ކަމަށްވާ މަޑަގަސްކާގެ ތަޖުރިބާކާރުން އުފެއްދި ބޭސް، ނައިޖީރިއާއަށް ގެންގޮސްފިއެވެ.

ނައިޖީރިއާގެ ރައީސް، މުޙައްމަދު ބުޚާރީ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވާފައި ވާއިރު، އޭނާ ވިދާޅުވީ، މަޑަގަސްކާ އިން ހޯދި ފަރުވާ ނައިޖީރިއާގައި މިހާރު ޓެސްޓު ކުރެވެމުންދާ ކަމަށެވެ. އަދި އެ ބުއިން އެޤައުމުގައި ބޭނުންކުރަން ފެށުމުގެ ކުރީން، އެއީ ބައްޔަށް އެންމެ އެކަށީގެންވާ ބުއިމެއްތޯ ޔަޤީން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބުއިމަކީ މަޑަގަސްކާ އިން ހޯދާފައިވާ ފަތްޕިލާވެއްޔެއް ބޭނުންކޮށްގެން އުފައްދާފައިވާ ގުދުރަތީ ބޭހެއް ކަމަށް މަޑަގަސްކާގެ ތަޖުރިބާކާރުން ބުނެއެވެ. އަދި މިއީ މެލޭރިއާ ފަދަ ބަލިތަކަށްވެސް ފަރުވާއެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. ހަމަ އެހެންމެ މި ބުއިން އާދަކޮށް ބޯނަމަ ކޮވިޑް-19 ޖެހުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ބުއިން މަޑަގަސްކާގައި ވެސް ޓެސްޓުކޮށްފައިވާކަން ހާމަކޮށް، އެޤައުމުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، މިހާތަނަށް އެޤައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުން މި ބުއިން ބޭނުން ކުރުމުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެފަރާތްތަކުން ބުނާގޮތުން ކޮވިޑް-19 އިން ސަލާމަތްވަނީ މި ބުއިން ބޭނުންކުރަން ފަށާތާ ދިހަ ވަރަކަށް ދުވަސް ތެރޭގައެވެ. އަދި މިހާތަނަށް މި ފަރުވާ ހޯދި މީހަކަށް ސިއްޙީ ނުރަނގަޅު ހާލަތެއް މެދުވެރިނުވާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މަޑަގަސްކާގެ މި ފަރުވާ އެޤައުމުގައި ރަސްމީކޮށް ވިއްކަން ފަށާފައި ނުވީނަމަވެސް، މި ބުއިން އެޤައުމުގެ އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ދީފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ހަމަ އެހެންމެ އެޤައުމުގެ ރައީސް، އެންޑްރީ ރަޖޮލީނާ އާއި ސަރުކާރުގެ ބައެއް ވެރިން މި ބުއިން ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ދައުރުވެފައި ވެއެވެ.

މަޑަގަސްކާގެ ސަރުކާރުން މިއީ ކޮވިޑް-19 އަށް މިވަގުތު ދުނިޔެއިން ލިބޭ އެންމެ ރަނގަޅު ފަރުވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ މިފަދަ އުފެއްދުންތައް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ލެބޯޓްރީތަކުން ތަހުލީލު ނުކޮށް މި ބުއިން ބޭނުންކޮށްފި ނަމަ އޭގެ ނޭދެވޭ ނަތީޖާއެއްވެސް ނިކުމެދާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

މި ވާހަކަތަކަށް ރައްދުދީ، މަޑަގަސްކާގެ ރައީސް ވިދާޅުވެފައި ވަނީ ޑަބްލިއުއެޗްއޯ އިން މި ބުއިން ޤަބޫލު ނުކުރަނީ، އެއީ ހުޅަނގުގެ ޤައުމަކުން އުފެއްދި ފަރުވާއަކަށް ނުވުމުން ކަމަށެވެ. އޭނާ ވަނީ އެކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުއްތު

    އެއްވެސް އެއްޗެއް ނުބުޔަސް މީހުން އެބަރަނގަޅުވޭ. އެހެން ނޫނަސް ތިބުއިމަށްވުރެ އިނގުރުން ފެން ނުވަތަ ކަޅުދިރި އާއި މާމުއިކޮޅެއް ބޯލިޔަސް މާރަގަޅުވާނެ. ޙަމަޔަޤީނުންވެސް ކަންމަތީ ފިހާރައިން އެލިބޭނެ

  2. ާބޭކާރު

    ޑަބްލިޔުއެޗްއޯ އިން ތަހުލީލު ކޮށް އަވަސް ޖަވާބެއް ބޭނުން ދޯ

  3. މުހައްމަދު

    ކޮންމެ ބައްޔަކާއިއެކު ޝިފާ އަކާއި ރައްކާތެރި ކަމުގެ ފިޔަވަޅެއްނެތް އެއްވެސް ބައްޔެއް ދުނިޔެއައް ﷲ ތަޢާލާ ނުފޮނުއްވަވާނެކަން ބަޔާން ވެގެން ވެއެވެ. އެކަލާނގެ އަންގަވާފައިވާ އަދި ކީރިތި ރަސޫލާ ސއވ ދަސްކޮށް ދެއްވާފައިވާ ރައްކާތެރިކަމުން ރައްކާތެރިކަން ލިބިގަންނާށެވެ. އިންޝާ ﷲ ކޮވިޑް 19 ނުޖެހޭނެއެވެ. އަދި ދަންނާށެވެ. ކެއްތެރިންނަ އުފާވެރިކަމުގެ ޚަބަރު އެކަލާނގެ ވަނީ ދެއްވަވާފައެވެ.

    4
    1
  4. މާމިގިލީ މީހާ

    ރާއްޖޭ ސިފައިން މިކަހަލަ ޖޫސް ފުޅިއެއް އުފައްދާ ބަލަ.