ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، މި ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދޭ ޤައުމަކީ އިންޑިއާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާގައި މި ބައްޔަށް ފައްސިވެގެން ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާ އަށްފަހު، ސީރިއަސް ހާލުގައި އެންމެ ގިނަ ބަޔަކަށް ފަރުވާދޭ ޤައުމަކަށް އިންޑިއާ ވެފައި ވާއިރު، އެޤައުމަކީ މިހާރު ދުނިޔެއިން ދިހަވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމުވެސް މެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލިމަޑުކަމުގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ އެމެރިކާގައި 17134 މީހެއްގެ ހާލު ދެރައެވެ. އަދި އިންޑިއާ ދެވަނައިގައި އޮތްއިރު، ތިންވަނައަށް އެންމެ ގިނަބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެނީ ބްރެޒިލްގައެވެ. ބްރެޒިލް އިން 8318 މީހެއްގެ ހާލު ދެރަ ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާގައި ގިނަ އަދަދެއްގެ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާކަން ހާމަވެފައިވާއިރު، މި މަޢުލޫމާތު ކުރިން އެޤައުމުގެ އިދާރާތަކުން ހާމަކުރަމުންނެއް ނުދެއެވެ. އެޤައުމުގައި މި ބަލި ޖެހުނު ގިނަ އަދަދެއްގެ ބަޔަކު ހާލު ދެރަކަން ހާމަވުމާއެކު، ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގައި ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އެޤައުމަކީ ދެކުނު އޭޝިއާ ސަރަޙައްދުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 138,536 މީހަކު ފައްސިވެފައިވާއިރު، އޭގެތެރެއިން 4,024 މީހަކު ވަނީ މަރުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 7,113 މީހަކަށް އަލަށް މި ބަލިޖެހި، ބަލީގައި އިތުރު 156 މީހަކު މަރުވެފައި ވެއެވެ. މިއީ އެޤައުމުން މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެއް ދުވަހެއްގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

އިދާރާތަކުން ހާމަކުރާ ގޮތުގައި އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 57,692 މީހުންނެވެ. މިއީ އެޤައުމުން މި ބައްޔަށް ފައްސިވި މީހުންގެ ނިސްބަތާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެޤައުމުގައި މިވަގުތު 76,820 މީހަކަށް މި ބަލީގައި ފަރުވާދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ. އިންޑިއާ އަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް މިބަލީގައި މިވަގުތު ފަރުވާދެމުންދާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުއްތު

    އިންޑިޔާ އަށް މިހާލަތުގައި އެހެން ބަޔަކާއި މެދު ވިސްނާ އަޅާލުމަށް ފުރުސަތެއް ނުލިބޭނެ، ދިވެހިން ޗައިނާ ވެސް އެހާ ދުރުކޮށްގެން ނުވާ އެހީއެއް ދެންޔާ ހޯދަންވާނެ، އަދި ބުނަންވެސް ވާނެ

  2. ރާއްޖެ

    އަދިވެސް ޕޭޝަންޓުންނަށް ހައިޑްރޮކްސިކްލޯރޯކުއިން ދީ. ރާއްޖެއަށް ވެސް އެހީ ކިޔާފަ އޭގެ 50ހާސް ގުޅަ ގެރި މޮދީ ފޮނުވި.

  3. ޙަސަނު

    ބާގޯ ބާގޯ ގޮވީމަ ވެސް ވީވަރުތާ ދެއްތޯ

  4. ާައަންނި

    މޯދީ އަދި ދެރަވާނެ ކަމެއްނެތް އެމެރިކާ ވައްޓާލާފަ އެއްވަނަ ލިބޭނެ...

  5. ސާހިދު

    އެހެއްވާނީ ގެރި މޯދީ މިފަހަރު ރީތި ގޮތަކަށް ނުމުގެންދާނެ އިންޝަﷲ