ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ، ލަންކާގެ ވެރިކަންކުރާ ކޮލަމްބޯގައި އިއުލާނުކޮށްފައިވާ ކާފިއުގެ ހާލަތަށް ލުއި ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކޮލަމްބޯގައި އިއުލާނުކޮށްފައިވާ ކާފިއުގެ ހާލަތަށް ލުއިދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައި މިވަނީ، 24 ގަޑިއިރުގެ ހަރުކަށި ކާފިއުއެއް އިއުލާނުކޮށްފައި އޮންނަތާ ދެމަސް ފަހުންނެވެ. މި ނިންމުމާއި އެއްގޮތަށް ކާފިއުގެ ހާލަތަށް ލުއިދިނުމަށް ފަށާނީ މިއަދުން ފެށިގެންނެވެ.

އެޤައުމުގެ އިދާރާތަކުން ނިންމާފައި ވަނީ މިހާރު ކޮލަމްބޯގައި އިއުލާނުކޮށްފައިވާ 24 ގަޑިއިރުގެ ކާފިއު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން މި ނޫން ވަގުތުތަކުގައި އާންމުންނަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެއުޅުމުގެ ހުއްދަ މިއަދުން ފަށައިގެން ކޮލަމްބޯގައި ލިބޭނެއެވެ.

އިދާރާތަކުން ބުނެފައިވާ ގޮތުގައި ކޮލަމްބޯގައި ކާފިއުގެ ހާލަތަށް ލުއިދޭން ނިންމާފައި ވަނީ، ލަންކާއިން މުޖުތަމަޢުގެ ތެރެއިން ބަލީގެ ވޭދަނަ (ކޭސް) އެއް ނުފެންނަތާ ދެ ހަފްތާ ވެފައިވުމުން ކަމަށެވެ.

ކޮލަމްބޯ ހިމެނޭހެން މުޅި ލަންކާގައި ކާފިއު އިއުލާނުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. އެއަށްފަހު ބަލީގެ ނުރައްކާ ބޮޑު ސަރަޙައްދުތަކާއި ކޮލަމްބޯ ފިޔަވައި އެހެން ބައެއް ސަރަޙައްދުތަކުގައި ލުއި ދީފައި ވެއެވެ.

ކާފިއުގެ ހާލަތަށް ލުއި ދިން ނަމަވެސް، އާންމުން އަމަލުކުރަންޖެހޭ ރައްކާތެރި ކަމުގެ އުސޫލުތަކެއް ލަންކާގައި އެކުލަވާލާފައި ވެއެވެ. މިގޮތުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އެ އުސޫލުގައި އަންގާފައި ވެއެވެ. ކާފިއުގެ ހާލަތަށް ލުއި ލިބޭ ވަގުތުތަކުގައި މި އުސޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

15،000 އެއްހައި ދިވެހިން ދިރިއުޅޭ ލަންކާ އިން މިހާތަނަށް ޖުމްލަ 1182 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް ދިހަ މީހަކު މަރުވެފައި ވާއިރު، 695 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި އެޤައުމުގައި ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު