ސައުދި އަރަބިއްޔާގައި ކާފިއު އުވާލައި މައްކާ ފިޔަވާ ހުރިހާ ތަނެއްގެ މިސްކިތްތައް ހުޅުވާލަން ނިންމައިފިއެވެ.

ކާފިއުއަށް ލުއިތަކެއް ގެނެސް އެގައުމު ހުޅުވާލުމަށް ނިންމާފައި ވަނީ 3 ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ސްޓޭޖްގައި ސައުދީ ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 28 އިން ފެށިގެން 30 އާއި ހަމައަށެވެ. މި ސްޓޭޖްގައި ހެނދުނު 6:00 އިން މެންދުރު ފަހު 15:00 އާ ހަމައަށް ބޭރަށް ނުކުމެ އުޅެވޭނެއެވެ. އަދި މި ހާލަތުގައި ޕްރައިވެޓް ކާރުތަކަށް އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރެވޭނެއެވެ.

މީގެ ކުރިން 24 ގަޑިއިރަށް އިއުލާނު ކޮށްފައިވާ ކާފިއުއަށް އެގައުމުން ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން މިހާރު ކާފިއު އިއުލާނު ކޮށްފައިވަނީ މެންދުރުފަހު 15:00 އިން ހެނދުނު 6:00 އަށެވެ. މި ގަޑީގައި އެހިސާބުގެ މީހުންނަށް އެމީހުން ދިރިއުޅޭ ހިސާބުތަކުގައި ފައިމަގުގައި ގައިދުރުކަން ބަހައްޓައިގެން ނުކުމެ އުޅެވޭނެއެވެ. މިއާއި އެކު ފިހާރަތަކާއި މޯލްތައް ހުޅުވުމުގެ ހުއްދަވެސް އެގައުމުން ދޭނެ އެވެ.

ފިހާރަތަކާއި މޯލްތައް ހުޅުވުމުގެ ހުއްދަ އެގައުމުން ދޭން ނިންމާފައިވާއިރު، މި ހުއްދަ ނުލިބޭ ތަންތަނުގެ ގޮތުގައި ހިމެނެނީ ގައިދުރުކަން ނުބެހެއްޓޭ ތަންތަނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅިވަރު ކުޅޭ ތަންތަން، ސެލޫން، މުނިފޫހިފުލުވާ ތަންތަން، ސިނަމާ އަދި ހެލްތް ކްލަބް ތަކެވެ.

ދެވަނަ ސްޓޭޖަކީ މިމަހުގެ 31 އިން އަންނަ މަހުގެ 20 އަށް ސައުދީ ހުޅުވުމެވެ. މި ސްޓޭޖްގައި މައްކާ ފިޔަވައި ހުރިހާ ސަރަހައްދެއްގައި ހެނދުނު 6:00 އިން ރޭގަނޑު 20:00 އަށް ބޭރުގައި އުޅެވޭނެއެވެ. މިސްޓްގައިވެސް ކާފިއު ގަޑިތަކުގެ ގޮތުގައި އަމަލު ކުރާނީ 1 ވަނަ ސްޓޭޖްގެ ގަޑިތަކެވެ.

މައްކާގެ މިސްކިތްތައް ފިޔަވައި އެހެން ހުރިހާ މިސްކިތްތަކެއްގައި ހުކުރު ނަމާދާއި ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަވެސް ދެވޭނެއެވެ. އަދި ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި ތިބެގެން މަސައްކަތް ކުރުމުގެ ހުއްދަވެސް ދެވޭނެއެވެ. އެހެން ނަމަވެސް އަމަލު ކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސައުދީގެ އެތެރޭގެ އުދުހުންތަށް ފެށުމުގެ ހުއްދަވެސް މި ސްޓޭޖްގައި ލިބިގެންދާނެއެވެ. އަދި ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަންވެސް ހުޅުވަން ހުއްދަ ދެވޭނެއެވެ. މި ފަދަ ހުއްދަތަކެއް ލިބުނަސް އާންމު ތަންތަނުގައި އުޅޭއިތު ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

ސްޓްޖް 1 އާއި އެއްގޮތަށް މި ސްޓޭޖްގައިވެސް ހެލްތް ކްލަބްތަކާއި ސިނާމާ ފަދަ ގައިދުރުކަން ނުބެހެއްޓޭ ތަންތަން ބަންދު ވާނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

50 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާ އާންމު އެއްވުންތައް މިސްޓޭޖްގައި މަނާ ވާނެއެވެ. އޭގެ ތެރޭގައި ކައިވެނި ޕާޓީތަކާއި މީހުންގެ ޖަނާޒާތައް ހިމެނެއެވެ.

އެންމެ ފަހު ސްޓޭޖް އަންނަ މަހު 21 ގައި ފެށޭއިރު، މި ސްޓޭޖްގައި މައްކާ ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް އެގައުމުގައި އާންމު ހާލަތަށް ގެންނާނެއެވެ. އެހެން ކަމުން ކޮވިޑް-19 އިއުލާނު ކުރުމުގެ ކުރިން އެ ސަރަހައްދުތައް އޮތް ގޮތަށް ގެނެވޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

އަންނަ މަހުގެ 21 ގައި މައްކާ ފިޔަވައި އެހެން ސަރަހައްދުތައް އާންމު ހާލަތައް ގެނެވޭއިރު، ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް އެގައުމުގައި މަނާވާނެއެވެ. އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދައެއްވެސް ނުލިބޭނެއެވެ. އަދި މަދީނާގައި ހުންނަ ރަސޫލާގެ މިސްކިތްތައްވެސް ޒިޔާރަތް ނުކުރެވޭނެއެވެ.

ސައުދީން ސްޓްޖްތަކަށް ބަހާލައިގެން ގައުމު ހުޅުވާލަން ނިންމި ނަމަވެސް، ހަލާތަށް ބަދަލެއް ނުވެއްޖެނަމަ ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތައްވެސް އަޅަން ޖެހިދާނެ ކަމަށް ސައުދީން ބުނެފައިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯނު

    މައްކާއެއްނު ފުރަތަމަ ހުޅުވަންވީ. އެތާކު ގައިމު ކޮވިޑެއް ނޫޅޭނެ.