އަވައްޓެރި ސްރީލަންކާ އިން އިތުރު 96 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއީ ލަންކާއިން މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ފަހަރެވެ.

ލަންކާއިން މިއަދު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ، އެޤައުމުގައި މުޖުތަމަޢުގެ ތެރެއިން ބަލީގެ ވޭދަނަ (ކޭސް) އެއް ފާއިތުވެދިޔަ ދެ ހަފްތާއެއްހައި ދުވަސް ތެރޭވެސް ނުފެންނާތީ، އެޤައުމުގައި އިއުލާނުކޮށްފައިވާ 24 ގަޑިއިރުގެ ކާފިއުގެ ހާލަތަށް މިއަދުން ފެށިގެން ލުއިދޭން ނިންމާފައި ވަނިކޮށެވެ.

މިއަދު ގިނަ އަދަދެއްގެ ބަޔަކު އެޤައުމުން މި ބައްޔަށް ފައްސިވުމުން މިހާރު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1278 އަށް އަރާފައެވެ. އޭގެތެރެއިން މިހާތަނަށް ދިހަ މީހަކު މަރުވެފައި ވެއެވެ.

ނޫސްތަކުން ބުނާގޮތުން މިއަދު ލަންކާއިން ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ ކުވެއިތުން އެޤައުމަށް ދިޔަ ލަންކާ 88 މީހަކާއި ލަންކާ ނޭވީގެ 8 އޮފިޝަލެއް ކަމަށެވެ.

އެހެން ޤައުމުތަކުގައި ތާށިވެފައި ތިބި ލަންކާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް އެޤައުމުގެ ސަރުކާރުން ކުރަމުން ދާއިރު، ގަތަރުގައި ތިބި 273 މީހަކު ޤައުމަށް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ލަންކާ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިއަދު އިތުރު 17 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 712 މީހަކު ވަނީ ރަނގަޅުވެ، ފެސިލިޓީތަކުން ދޫކޮށްލާފައެވެ.

ލަންކާގައި މި ބަލި ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީ އެންމެ މީހަކަށް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

ލަންކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު