ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 566 މީހަކު ހިމެނޭހެން މިހާތަނަށް އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 100,371 އަށް އަރާފައެވެ.

އެމެރިކާ އަކީ މުޅި ދުނިޔެއިން ވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހި، ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

އެންމެ ގިނަ ބަޔަކަށް މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ ޤައުމެއްގެ ގޮތުގައި އޮތް އެމެރިކާ އަކީ، ސީރިއަސް ހާލުގައި އެންމެ ގިނަ ބަޔަކަށް ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާއިން މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރިނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން އިއްޔެއަކީ އެޤައުމުން 29 މާރިޗު އަށްފަހު އެންމެ މަދުން މި ބަލީގައި މީހުން މަރުވި ދުވަހެވެ.

އެމެރިކާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 12,673 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1,718,899 އަށް އަރާފައެވެ.

މިހާތަނަށް އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 469,557 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މި ބަލީގައި 17,072 މީހަކަށް އެޤައުމުގައި ސީރިއަސް ހާލުގައި ފަރުވާ ދެމުން ދެއެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެޤައުމުގެ ނިއުޔޯކާއި، ނިއުޖާޒީ އާއި އިލިނޮއިސް އަދި ކެލެފޯނިއާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ނިއުޔޯކުން އެކަނިވެސް މިހާތަނަށް 373,445 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 29,406 މީހަކު މަރުވެފައި ވެއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މީގެ ފަސް ވަރަކަށް މަސްކުރިން، މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު