އޯޝަނިއާގެ ޤައުމެއް ކަމަށްވާ ވަނުއަޓޫ އާއި، މެދުތެރޭ އެފްރިކާގައި އޮންނަ ގޭބޮން އަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެ އެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި، މި ދެ ޤައުމަށް ބިންހެލުން އައިސްފައިވަނީ ދާދީ އެއްވަގުތެއްގައެވެ.

އެ އިދާރާތަކުން ބުނާގޮތުން، މި ދެޤައުމުގެ ތެރެއިން ގޭބޮން އަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.3 ގެ ބާރުމިނުގައެވެ. އަދި ވަނުއަޓޫ އަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

މި ދެ ސަރަޙައްދަށްވެސް ބިންހެލުން އައިސްފައިވަނީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުންތަކާއި ގުޅިގެން އެ ޤައުމުތަކަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް މިހާތަނަށް އިދާރާއަކުން ނެރެފައި ނުވެއެވެ.