ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1,027 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި މަރުވި ފަހަރެވެ.

ބްރެޒިލް އިން މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު، މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 24,549 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 15,691 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 392,360 އަށް އަރާފައެވެ.

ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 158,593 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި އައިސީޔޫގައެވެ.

ބްރެޒިލް އަކީ އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިމް

    ޙާދަ ބަޔަކު މި މަރުވަނީ މުޅި ދުނިޔެއިން... ހުރި ހިތާމަ އެއްގެ ބޮޑު ކަމާ އެވެ!... ގައިމު އެމަރުވާ ކޮންމެ މީހަކީ ކޮންމެސް މީހެއްގެ މައެއް ނޫނީ ބަފައެއް ނޫނީ އަޚެއް ނޫނީ އުޚުތެއް ނޫނީ ގާތް އެކުވެރިޔެއް ނުވަތަ ލޯބިވެރިޔެއް...ކިހާ ހިތްދަތު ވާނެތޯ އެމަރުވާ މީހަކު ނެތުނީމަ އެމީހަކު ދެކެ ލޯބިވާ މީހުން... މި ކޯވިޑް ގެ ވަބާ ކަހަލަ ވަބާ އެއް 1918-1919-1920 ގަ ވެސް އައިސް ދުނިޔެއިން 6 މިލިޔަން މޙުން ނަށް ވުރެ ގިނައިން ނައްތާލި...މި ބޮޑު ބިރުވެރިކަން ވަށާލާފަ މި ވަނީ ހަތަރު ފަރާތުން....ވ ފްރައިޓްނިންގ!