ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫހާންގެ ސީފުޑް މާކެޓުން ނޫން ކަމުގެ އިތުރު ހެކި ޗައިނާގެ ސައިންސްވެރިންނަށް ލިބިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް-19 ފުރަތަމަ ފެނުނީ ކޮންތަނަކުންކަން ދެނެގަންނަން ސައިންސްވެރިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ލަފާކުރެވިފައި އޮތީ އިންސާނުންގެ ގަޔަށް ކޮވިޑް-19 އެރީ ވޫހާންގެ ސީފުޑް މާކެޓްގައި ވިއްކަން ހުރި ވާލަކުން ނުވަތަ ކޮންމެވެސް ވަލު ޖަނަވާރަކުން ކަމަށެވެ.

ނަމަވެސް ޗައިނާގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު އާއްމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ވޫހާންގެ ސީފުޑް މާކެޓަކީ ފުރަތަމަ ކޮވިޑް-19 ފެތުރުނު ތަނަށް ނުވެދާނެ ކަމަށެވެ.

މިދިރާސާގައި ސައިންސްވެރިން ވަނީ ޝަންހާއީގެ 326 މީހެއްގެ ސުންކު (ސާމްޕަލް) ދިރާސާ ކޮށްފައެވެ. އޭގެ ތެރެއިން ސައިންސްވެރިންނަށް ވަނީ މައިގަނޑު ދެ ގްރޫޕެއް ފާހަގަ ކުރެވިއްފައެވެ. މި މީހުންނަށް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކުރީކޮޅު ބަލި ޖެހިފައެވެ.

އޭގެ ތެރެއިން ހަ މީހަކާއި ސީފުޑް މާކެޓާއި ގުޅުން އެބައޮތެވެ. ނަމަވެސް މީގެ ތެރެއިން ތިން މީހަކު ސީފުޑް މާކެޓަށް ގޮސްފައެއް ނުވެއެވެ. އަދި އެމާކެޓަށް ދިޔަ މީހަކާއި ބައްދަލު ވެފައެއް ވެސް ނުވެއެވެ.

ޗައިނާ ސައިންސްވެރިންގެ ދިރާސާގައި ބުރަވެފައި ވަނީ ކޮވިޑް-19 ފުރަތަމަ ފެތުރިފައި ވަނީ ޝަންހާއީގައި ކަމަށެވެ.

ކޮވިޑް-19 އަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަކަށް އަރާ ބައްޔެއް ކަން ފާހަގަ ކުރެވުނީ ޑިސެމްބަރ މަހުގެ ފަހުކޮޅު އެވެ. ނަމަވެސް މިހާރު ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހެދިފައިވާ ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ނޮވެމްބަރ މަހު ނުވަތަ ޑިސެމްބަރ މަހު ފަހުކޮޅު ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކޮވިޑް-19 ބައެއް މީހުންނަށް ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު