ކޮވިޑް-19 އަށް ދެކުނު ކޮރެއާ އިން ފައްސިވި މީހުންގެ އަދަދު މިއަދު ކުއްލިއަކަށް އިތުރުވެއްޖެއެވެ. މިއަދު ދެކުނު ކޮރެއާ އިން ވަނީ އިތުރު 40 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ ފާއިތުވި 49 ދުވަސް ތެރޭގައި ދެކުނި ކޮރެއާ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ކުއްލިއަކަށް ފައްސިވި މީހުންގެ އަދަދު އިތުރުވީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ހުޅަނގުގެ ސަރަހައްދެއްގައި ހުންނަ ރީޓެއިލް ލޮޖިސްޓިކް ކުންފުންޏެއްގެ މުވައްޒަފުންތަކެއްގެ ތެރެއިން ގިނަ ބަޔަކު ފައްސިވުމުން ކަމަށެވެ. އެކުންފުނީގެ 36 މީހަކު ވަނީ މިއަދު ކޮވިޑް-19 އަށް ފައްސިވެފައެވެ.

މި ކްލަސްޓާ ފުރަތަމަ ފާހަގަ ކުރެވުނީ ހޯމަ ދުވަހު އެވެ. އެއާއި އެކު ކުންފުނީގެ 3600 މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. މިއަދު ފައްސިވި މީހުންގެ ފާހަގަ ކުރެވުނީ މުވައްޒަފުން ޓެސްޓް ކުރުމުގެ ތެރެއިންނެވެ.

ދެކުނު ކޮރެއާގެ ހެލްތު މިނިސްޓަރުގެ ނައިބު ކިމް ކަންގް-ލިޕް ވިދާޅުވީ މިއަދު ގިނަ ބަޔަކު ފައްސިވި ކުންފުނީގެ މުވައްޒަފުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ދެކުނު ކޮރެއާ އިން ކޮވިޑް-19 ފެނުނީ ފެބްރުއަރީ މަހު އެވެ. މާޗް މަހުގެ ކުރީކޮޅު އެގައުން ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް، އެހެން ގައުމުތަކާއި އަޅައި ބަލާއިރު، ދެކުނު ކޮރެއާގައި ބަލި ފެތުރުނު ނިސްބަތް މަދެވެ. ދެކުނު ކޮރެއާ އިން ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ފުރަބަންދަށް ލުއިތަކެއް ދިނުމުން މެއި މަހު ކުރީކޮޅު އަނެއްކާ ވެސް ބަލި އިތުރުވިއެވެ. މެއި މަހު ފައްސިވި މީހުންގެ އަދަދު އިތުރުވީ ފައްސިވެފައި ހުރި މީހަކު ސޯލްގެ ނައިޓް ކްލަބްތަކަކަށް ގޮސް، އޭނާގެ ފަރާތުން އިތުރު އެތައް ބަޔަކަށް ބަލި އެރުމުންނެވެ.

ދެކުނު ކޮރެއާ އިން މިހާތަނަށް 11,265 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 269 މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަބޫ

    ލޮކްޑައުން ލުއި ދިނުމުން ކޮރެއާ އަދި އަވަށްޓެރި ލަންކާ އިން ވެސް ކޭސްތައް އިތުރުވާތަން މި ފެންނަނީ

    2
    2