ގަދަ ވަޔާއި ގުގުރުމާއެކު މިދިޔަ ބުދަ ދުވަހު އިންޑިޔާގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެގޮތުން، މި ވިއްސާރައިގައި 127 މީހުންގެ ފުރާނެ ގެއްލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އަދި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެޤައުމުގެ އުއްތަރަ ޕްރަދޭޝް އާއި ރާޖަސްތާނު ސްޓޭޓުންނެވެ. މީގެއިތުރުން، ޓެލަންގަނާ، އުއްތަރަޚަންދު، ޖަރުކަންދު އަދި ޕަންޖާބުންވެސް މީހުން މަރުވިކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިއްސާރައިގެ ސަބަބުން މީހުން މަރުވުމުގެ އިތުރުން ގިނަ އަދަދެއްގެ ގެއަށްވެސް ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، ކަރަންޓު ދިނުމަށް ޖަހާފައި ހުރި ބައެއް ހޮޅިދަނޑިތައްވެސް ވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެޤައުމުގެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ގަދަ ވަޔާއެކު ބުދަ ދުވަހުގެ ރޭ އެސަރަޙައްދުތަކަށް ވިއްސާރަކޮށްފައިވަނީ ތިން ގަޑިއިރެއްހާއިރަށެވެ. އެރޭ ލިބުނު ގެއްލުންތައް ސާފުވެފައިނުވާއިރު، ލިބުނު ގެއްލުން ސާފުވާގޮތް ވެފައިވަނީ އިއްޔެކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ގަދަ ވަޔާއިއެކު ވިއްސާރަކުރުމުގެ އިތުރުން، އެރޭ އެސަރަޙައްދުތަކަށް ވެލީގެ ތޫފާންތައް ވެސް ވަނީ އަރާފައެވެ.