ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އެމެރިކާގެ 62300 އަށްވުރެ ގިނަ ސިއްޙީ އެހީތެރިން ފައްސިވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިކަން ހާމަކޮށް ނޫސްތަކުގައި އިއްޔެ ބުނެފައި ވަނީ، މިހާތަނަށް އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ޖުމްލަ 62344 ސިއްޙީ އެހީތެރިއަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ.

ސީޑީސީން ބުނެފައިވާ ގޮތުގައި މި ބަލި ޖެހުނު ސިއްޙީ އެހީތެރިންގެ ތެރެއިން މިހާތަނަށް މަދުވެގެން 291 މީހަކު މަރުވެފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނާގޮތުން، މިއީ އެޤައުމުގައި ކޮވިޑް-19 އާއި ގުޅިގެން ރަސްމީކޮށް ހަރަކާތްތެރިވާ ސިއްޙީ އެހީތެރިންނާއި ބެހޭގޮތުން އެއްކޮށްފައިވާ މަޢުލޫމާތުތައް ކަމަށްވާއިރު، ހެލްތު ސެންޓަރު ފަދަ ތަންތަނުން އެނޫން ގިނަ އަދަދެއްގެ ސިއްޙީ އެހީތެރިންނަށް ވެސް މި ބަލި ޖެހިފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މި އަދަދުތައް ކުރިން ބެލެވުނު ވަރަށްވުރެ ބޮޑަށް އިތުރުވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ސީޑީސީން ބުނެފައިވާ ގޮތުން މިދިޔަ އޭޕްރިލް 15 ވަނަ ދުވަހާއި ހަމައަށް އެޤައުމުން ބަލި ޖެހުނު ސިއްޙީ އެހީތެރިންގެ އަދަދު ދިހަހާހަށްވެސް ނާރައެވެ. އެހެންކަމުން އޭގެ ފަހުން ބަލި ފެތުރިފައި ވަނީ ކަންބޮޑުވާހައި ހަލުވިމިނެއްގައި ކަން، ފަހުން ލިބުނު މަޢުލޫމާތުތަކުން ހާމަވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެމެރިކާގައި ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ސިއްޙީ އެހީތެރިންނަށް ބަލި ޖެހިފައިވާކަން ހާމަވެފައި މިވަނީ، އެފަރާތްތަކަށް ރައްކާތެރިކަމަށްޓަކައި ބޭނުންކުރާ ޕީޕީއީ ލިބުމުގެ ދަތިކަމާއި ކުރިމަތިވެފައި ވަނިކޮށެވެ.

އެމެރިކާއަކީ މުޅި ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، ބަލީގައި މަރުވީ ވެސް އެމެރިކާއިންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެމެރިކާއިން ޖުމްލަ 1,730,096 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 100,765 މީހަކު މަރުވެފައި ވާއިރު، 17,158 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު