ފަލަސްތީންގެ ބިމަށް ގަދަބާރުން ވެރިވެގަނެފައިވާ އިސްރާއީލްގެ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް އަޑުއުފަން މިއަދު ވެސް ޣައްޒާގައި ބޭއްވި މުޒާހަރާ އަށް އިސްރާއީލް ސިފައިން ކަރުނަގޭހާއި، ބަޑި ޖެހުމުން 40 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

މިއަދުގެ މުޒާހަރާގައި މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް މީގެ ހަހަފްތާ ކުރިން މުޒާހަރާ ފެށި ފަހުން ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު 41 އަށް އަރާފައި ކަމަށް ފަލަސްތީންގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީ ފަލަސްތީން ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ފަލަސްތީންގެ ބިމުން ބޭރުކޮށް، ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީންގެ ހަތްލައްކަ އަށް ވުރެ ގިނަ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އާދެވޭނެ ގޮތެއް ހަދައިދިނުމަށް ގޮވާލައެވެ.

މިއަދުގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ފަލަސްތީންގެ ނޫސްވެރިން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ފަލަސްތީން މީހުންނާއި ދިމާއަށް ބަޑި ޖެހި އަޑު މިއަދު ވެސް އިވުނެވެ. ވަޒަން އަރައިގެން ބައެއް މީހުން ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ފަލަސްތީންގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަހަފްތާ ކުރިން ފެށި މުޒާހަރާގައި ޒަހަމްވެފައިވާ މީހުންގެ އަދަދު މިހާރު ހާހަކަށް ވުރެ މައްޗަށް އަރާފައެވެ.

އިސްރާއީލްގެ އަނިޔާވެރި ސަރުކާރުން ގެންދަނީ ފަލަސްތީން ރައްޔިތުންނަށް ޣައްޒާގެ ބޯޑަރު ކައިރީ މުޒާހަރާ ކުރުމަށް ފުރުސަތު ނުދޭނެކަން ތަކުރާރުކޮށް އިއުލާން ކުރަމުންނެވެ. މުޒާހަރާތައް ރޫޅާލުމަށް އެކަށީގެންވާ ވަރަށް ވުރެ މާބޮޑަށް އިސްރާއީލް ސިފައިން އަނިޔާވެރިކަން އިސްކުރަމުން ދިޔަ ނަމަވެސް ބައިނަލްއަޤުވާމީ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސަޅި

    ކެނެރީގެ ގައްދާއަށް ފެނޭތަ މުސްލިމުންނަށް ވާގޮތް ތީ ޔަހޫދީ ޑިމޮކްރެސީ ގެ އިބިލީސް

  2. ސަދުން

    އަދިވެސް ފަނޑުފޮއްޓެއް ބަހައްޓާކަށްނުވޭތޯ.