ކޮވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ސްކޫލްތައް އަލުން ހުޅުވިއަސް ބަލި އިތުރަށް ނުފެތުރޭ ކަމަށް ޑެންމާކުގެ ޑޮކްޓަރަކު ބުނެފިއެވެ.

ޑެނިޝް ސީރަމް އިންސްޓިޓިއުޓްގެ އިންފެޝަސް ޑިޒީސް އެޕިޑެމިއޮލޮޖީ ޑޮކްޓަރު ޕީޓަ އެންޑަސަން ބުނީ، ކޮވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ސްކޫލްތައް އެގައުމުގައި މިހާރު ހުޅުވާފައިވާ ކަމަށާއި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދަރިވަރުންގެ ތެރޭގައި ބަލި އިތުރަށް ނުފެތުރޭ ކަމަށެވެ.

ޑެންމާކަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެއް މަހުގެ ފުރަބަންދަކަށްފަހު އެންމެ ފުރަތަމަ ސްކޫލްތައް ހުޅުވާފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް ބަލި ޖެހިގެން 11،512 މީހަކު ފެނިފައިވާއިރު، 568 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

"ސްކޫލްތައް ހުޅުވައިގެން އެއްވެސް ކަހަލަ ނުބައި އަސަރެއް ނުފެނޭ" އެންޑަސަން ބުންޏެވެ.

އެގައުމުގެ ސްކޫލްތައް ހުޅުވުމަށްފަހު ނަގާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ބަލި ޖެހޭ މިންވަރު އިތުރު ވެފައި ނުވާ ކަމަށް ރިޕޯޓްތަކުންވެސް ވަނީ ދައްކާފައެވެ.

ޑެންމާކުގެ ސްކޫލްތައް ހުޅުވާފައިވާއިރު، އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ އަމަލު ކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް އިއުލާނު ކޮށްފައެވެ. އެގޮތުން ކޮންމެ 2 ގަޑިއިރަކު ދަރިވަރުންނާއި ޓީޗަރުން އަތް ދޮންނަން ޖެހެއެވެ. އަދި ކޮންމެ ދަރިވަރެއްގެ މޭޒުގައި 2 މީޓަރުގެ ދުރުމިނެއް ހުންނަން ޖެހެއެވެ.

މީގެ އިތުރުން 3 ކުދިންނަށްވުރެ އިތުރަށް ގްރޫޕް ހަދައިގެން ދަރިވަރުން ކުޅުން ވަނީ މަނާކޮށްފައެވެ. އަދި ދޮރުގެ ތަޅު، ކުޅޭ ސާމަނު ފަދަ ހިފައި ގެންގުޅޭ ތަކެތި 2 ދުވަހުން އެއްދުވަހު ޑިސްއިންފެކްޓް ކުރުމަށް ވަނީ ބުނެފައެވެ.

ޑެންމާކުގެ ޑޮކްޓަރަކު މިފަދައިން ވިދާޅުވެފައިވާއިރު، ފިންލޭންޑްގެ ހެލްތް އޮފިޝަލަކުވެސް ބުނެފައިވަނީ އެގަމުގެ ސްކޫލްތައް ހުޅުވުމުން ބަލި އިތުރަށް ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ އެކި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ސަރުކާރު އަދި އަމިއްލަ އޮފީސްތައް ވަނީ ބަންދު ކޮށްފައެވެ. މީގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    ތިޔަހުރީ ދަރިވަރުން ބައިތިއްބާފަ ހުރި ދުރުމިން މިރާއްޖޭގަ ތިދުރުމިން ބަހައްޓަންޏާ ޖެހޭނީ ހަމަ ގޭގަ ބައިތިއްބައިގެން ކިޔަވައިދޭން.

  2. ތާކިހާ

    މާތްކަލާކޯ ތިޔަ ކަހަލަ ޚަބަރު ވަތުތުން ގެނަސް ނުދިނުން އެދެން. މި ތާ މިއޮތް ފޮނިއަނގަ ސަރުކާރު ޑެންމާކު ފަހަތުން ދުވަންފަށާފާނެ، ކުއްލިއަކަށް ، މާދަމާރޭ ލަިވްކޮށްފައި ބުނެފާނެ ސުކޫލުތައް ހުޅުވަންވީއޭ ހުޅުވަންވީއޭ ހުޅުވިޔަކަސް ބަލި އިތުރެއްނުވެއޭ ޑެންމާކް ބުންޏޭ ބުންޏޭ ބުންޏޭ # އަނގަތަޅާ ސަރުކާރު އިސްތިޢުފާ

  3. އަމީދު

    އެކި ގައުމުތަކުގައި މިބަލި ފެތުރެނީ އެކި ގޮތްގޮތައް. ކޮރެއާގެ ކޮލެޖް ކުދީން ކޮލެޖައް ދިޔާމަ ފައްސިވީ އަދަދު ދިޔައީ މައްޗައް. އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފި.

  4. އެދަތުރު

    ޑެންމާކާއި ޔޫރަޕްގެ މުއްސަދި ގައުމުތަކާއި ރާއްޖެއާއި ކުރިއަރަމުންދާ އެހެން ގައުމުތަކާ ހުރި ތަފާތަކީ ސާފްތާހިރުކަން. ޑެންމާކުގައި މީހުން ނޫޅޭ މާލޭގައި މީހުން އުޅޭހެން. މާލެއެކޭ އިންޑިިޔާގެ ފަގީރު ސްޓޭޓްއެކޭ ވަކިތަފާތެއް ނެތް. ރާއްޖޭގެ ސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ލޮކްޑައުންނާއި ހިލާފްވާ މީހުންނަށް ފިޔަވަޅެއް ނާޅާ. ދެން ކިހިނެއްތޯ ޑެންމާކުގެ ރިސާޗަކާއި ރާއްޖެފަދަ ގައުމަކާއި އަޅާ ކިޔޭނީ؟