ގައިދުރުކޮށް ތިބެ ނަމާދު ކުރެވޭގޮތަށް ތުރުކީގެ މިސްކިތްތައް ހުޅުވާލުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ތުރުކީގެ އިންޓީރިއާ މިނިސްޓްރީން ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން ތުރުކީގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި، ނަމަވެސް މިސްކިތްތައް ހުޅުވަން ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކަމަށެވެ.

އެ ޤައުމުގައި ނިންމާފައިވަނީ ފޭސްތަކެއްގެ ދަށުންނެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން މިސްކިތްތައް ހުޅުވާލާއިރު އެންމެ ފުރަތަމަ ހުއްދަދޭނީ ފަސް ނަމާދުގެ ތެރެއިން ދެ ނަމާދެއް، އަދި ހުކުރު ނަމާދު މިސްކިތްތަކުގައި ކުރުމަށެވެ. މި ހުއްދަ އެޤައުމުގެ 81 ޕްރޮވިންސެއްގައި މިމަހު ދިނުމަށް ނިންމާފައި ވެއެވެ.

އެޤައުމުގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި، މިސްކިތަށްދާ އެންމެންވެސް ތިބެންވާނީ ފޭސް މާސްކު އަޅައިގެން ކަމަށެވެ. އަދި މިސްކިތްތެރޭގައި ނަމާދުކުރަން ތިބޭއިރު ތިބެންވާނީ ގައިދުރުކޮށް އެކަކު އަނެނަކާއި ތިންފޫޓު ދުރުމިނުގައި ކަމަށްވެސް އެ އިދާރާތަކުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މިސްކިތްތަކުގައި ކުރާ ނަމާދުތައް ވީހާވެސް ކުރު ކުރުމަށް އިމާމުންނަށް ވަނީ އަންގާފައެވެ. އަދި މިސްކިތްތަކުން ވުޟޫ ކުރުމާއި ފާހަނާ ބޭނުންކުރުން މި ހުއްދަ ދިން ނަމަވެސް މަނާވާނެއެވެ. މީގެ އިތުރުން ބަންގި ދޭ ވަގުތު އާއި އެނޫން ވަގުތުތަކުގައި މިސްކިތް ކައިރިޔަށް ގިނަ ބަޔަކު އެއްވެ ނުތިބުމަށްވެސް ވަނީ އަންގާފައެވެ.

ތުރުކީގައި ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވުމާއި ގުޅިގެން އެޤައުމުގައި ފުރަބަންދުގެ ހާލަތު އިއުލާނުކޮށް މިސްކިތްތައް ބަންދުކޮށްފައިވާތާ ވަނީ ދެމަސްވެފައެވެ.

ތުރުކީއަކީ ދުނިޔެއިން 10 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ. އެޤައުމުން މިހާތަނަށް 160,979 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 4,461 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުގައި އަދިވެސް ބަލީގެ ނުރައްކާ އޮތްއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް އިތުރު 1,182 މީހަކު ބައްޔަށް ފައްސިވެ، އިތުރު 32 މީހަކު މަރުވެފައި ވެއެވެ.

ތުރުކީން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 124,369 މީހަކު މި ބަލިން ރަނގަޅުވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އަދި 683 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް ވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.