ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައްސިވީ މީހުންގެ އަދަދު 5.9 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ، 5,900,907 (ފަސް މިލިއަން ނުވަލައްކަ ނުވަސަތޭކަ ހަތެއް) އެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިއަދު 5.9 މިލިއަނަށް އަރާފައި މިވަނީ މިދިޔަ 24 ގަޑިއިރު ތެރޭ މިހާތަނަށް އެކަނިވެސް، 116000 އަށްވުރެ ގިނަ މީހުންނަށް ދުނިޔެއިން މި ބަލި ޖެހުމުންނެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ދުނިޔެއިން މި ބައްޔަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ހިފެހެއްޓުނު ނަމަވެސް، އަނެއްކާވެސް މިދިޔަ ތިން ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ބަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާއިރު، މި ބަލިމަޑުކަމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 361,549 އަށް އަރާފައެވެ. އޭގެތެރެއިން 4612 މީހަކު މަރުވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. ދުނިޔެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 2,577,245 މީހެކެވެ.

ރާއްޖެ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ވަނީ ފެނިފައެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 1,768,461 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 103,330 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބައްޔަށް އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު